ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިން ބުރުގައި ރޭ އިޓަލީން މޮޅެއް ހޯދައިފިއެވެ.
މޯލްޓާ ދަނޑުގައި ކުޅުނު މެޗުން އިޓަލީ ކުރިހޯދީ 2-0 އިންނެވެ. މޯލްޓާ ކޮޅަށް އިޓަލީ އަށް 15 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މަޓެއޯ ރެޓެގީއެވެ. އާޖެންޓީނާ އަށް އުފަން ފޯވާޑް، ރެޓެގީ މި ވަނީ އިޓަލީ އަށް ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަހައިފައެވެ. ރޭގެ މެޗުގައި އޭނާ ވަނީ ސަންޑްރޯ ޓޮނާލީ ނެގި ބޯޅަ ބޮލުން ގޯލަށް ވައްދާލައިފައެވެ.
މެޗުގެ 27 ވަނަ މިނިޓްގައި މަޓެއޯ ޕެސީނާ ތަނަވަސްކުރި ފުރުސަތެއްގައި މޯލްޓާގެ މަތިއު ގިލޯމިއާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. މި ދެ ގޯލުގެ ލީޑުގައި އޮވެ އިޓަލީން މި މެޗު ކާމިޔާބުކުރީއެެވެ.
ޔޫރޯ ކޮލިފައިންގައި ރޭ އެންމެ ހައިރާންކުރަނިވި ނަތީޖާއެއް ނުކުތީ ގްރޫޕް އެޗްގައެވެ. ޑެންމާކުން ދެ ގޯލު ކުރީގައި އޮއްވައި، މެޗުގެ ފަހު ވިއްސަކަށް މިނިޓް ތެރޭ ކަޒަކްސްތާނުން ވަނީ ނަތީޖާ އަނބުރާލައި 3-2 އިން މޮޅުވެފައެވެ. މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުތަކަށް ބަލާއިރު، ސްލޮވީނިއާ އިން 2-0 އިން ސޭން މަރީނޯ ބަލިކުރިއިރު، ނޯތަން އަޔަލެންޑް ދަނޑުގައި 1-0 އިން ފިންލެންޑް ވަނީ މޮޅުވެފައެވެ.