ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

ޔޫރޯ ކޮލިފައިންގައި ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފިއެވެ.

ކަޒަކިސްތާނުގެ ވެރި ރަށުގައި ހުންނަ އަސްޓަނާ އެރީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ޑެންމާކުންނެވެ. އެ ޓީމުން ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ކެޔާ ތަނަވަސްކޮސްދިން ފުރުސަތެއްގައި ޑެންމާކަށް ލީޑު ނަގައިދިނީ ރަސްމުސް ހޮލުންޑުއެވެ.

މެޗުގައި ޑެންމާކުގެ ދެ ވަނަ ލަނޑު 36 ވަނަ މިނެޓުގައި ޖެހީ ވެސް އޭނާއެވެ. ދެ ވަނަ ހާފަށް ނުކުމެ ކަޒަކިސްތާނުން ވަނީ ފުރަތަމަ ހާފާ ޚިލާފަށް ވަރަށް ރަނގަޅަށް ކުޅެފައެވެ. މެޗުގެ ނަތީޖާގެ ފަރަގު އެ ޓީމަށް ކުޑަ ކޮށްދިނީ ބަޚްތިޔާރް ޒައިނުތުދިނޮވްއެވެ. އެއީ މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ފަހުން ކަޒަކިސްތާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 86 ވަނަ މިނެޓުގައި އަސްކަތު ޓަގީބާގެންއެވެ. އޭގެ ތިން މިނެޓު ފަހުން މެޗުން ކަޒަކިސްތާނު މޮޅުކޮށްދިން ލަނޑު ޖެހީ އަބަތު އައިމްބެޓޮވްއެވެ.

ގްރޫޕް އެެޗުގައި މިހާތަނަށް ކުޅުނު ދެ މެޗުން ކަޒަކިސްތާނަށް ލިބެނީ ތިން ޕޮއިންޓެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ސްލޮވޭނިއާ އަތުން ބަލިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *