އައު ކޯޗާއެކު ސްޕެއިން ފުރިހަމަ މޮޅަކުން ފަށައިފިއެވެ.
ވަރލްޑްކަޕްގެ ދަށް ނަތީޖާތަކާއެކު ކޯޗު ލުއިސް އެންރީކޭ މަޤާމުން ވަކިވުމުން ލުއިސް ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ނޯވޭއާ ވާދަކޮށް ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ސްޕެއިންގެ ތަރިއަކަށްވީ ޤައުމީ ޖަރޒީގައި ސީނިއަރ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ހޮސޭލޫއެވެ.
ދެ މިނިޓް ތެރޭގައި އޭނާ ދެ ލަނޑު ޖެހިއެވެ. އެއީ 83 ވަނަ މިނިޓާއި, 85 ވަނަ މިނިޓްގައެވެ. މޮރާޓާގެ ބަދަލުގައި އޭނާ ކުޅެން ނުކުތީ 81 ވަނަ މިނިޓްގައެވެ. އޭގެކުރިން ފުރަތަމަ ހާފްގައި ސްޕެއިންގެ ފުރަތަމަ ގޯލް ޖެހީ ޑެނީ އޮލްމޯއެވެ. އާކޯޗު ފުއެންޓޭއަކީ ސްޕެއިންގެ ޔޫތް ޓީމްތަކުގައި މަސައްކަތްކުރަމުން އައި ކޯޗެކެވެ.
ޔޫރޯ ކޮލިފިކޭޝަން ގްރޫޕް އޭގެ މިމެޗު ނޯވޭއިން ކުޅުނީ ޔޫރަޕްގައި މިވަގުތު އެންމެ އިތުބާރާއެކު ހުރި ފޯވާޑް ހާލާންޑް ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އެކަމަކު އާސެނަލްގެ ކެޕްޓަން އޮޑެގާޑް ކުޅުނެވެ. ނޯވޭއިން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ސްޕެއިން ޓީމުން އަލުން ޖާގަ ލިބުނު ޗެލްސީ ކީޕަރު ކެޕާއެވެ.
މެޗުގައި ދެ ލަނޑު ޖެހި 32 އަހަރުގެ ހޮސޭލޫ އަކީ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ސްޓޯކް ސިޓީއަށް ކުޅުނު ފޯވާޑެކެވެ. މިހާރު ކުޅެމުން އަންނަނީ އެސްޕަނިޔޯލްއަށެވެ.