ޖަރުމަނުން ޕެރޫ ބަލިކޮށްފި

ޖަރުމަނުން ޕެރޫ ބަލިކޮށްފި

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޕެރޫ އަތުން 2-0 އިން ޖަރުމަނު މޮޅުވެއްޖެއެވެ.

ޖަރުމަނުން ރޭ ޕެރޫ އަތުން މޮޅުވި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ނިކްލަސް ފުލްކްރޫގްއެވެ. ވޯލްޑް ކަޕްގައި ޖަރުމަނު ޓީމުން ވިދާލި ފުލްކްރޫގް ރޭގެ މެޗުގައި ޕެރޫ ކޮޅަށް ޖެހި ދެ ގޯލުގައި ވެސް ސެންޓަ ފޯވާޑެއްގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފައިވެއެވެ.

ރަނގަޅު ތަނަށް ހުސްވެ، ޖަރުމަނުގެ ގިނަ އެޓޭކްތަކެއްގައި ބައިވެރިވި ފުލްކްރޫގަށް މި މެޗުގައި ގިނަ ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. ފުލްކްރޫގް ޖަރުމަނުގެ ފުރަތަމަ ގޯލު ޖެހީ 12 ވަނަ މިނިޓްގައި ކައި ހަވާޓްޒް ދިން ބޯޅައަކުންނެވެ. އޭގެ ފަހުން، 33 ވަނަ މިނިޓްގައި މާރިއަސް ވުލްފް ދިން ބޯޅައަކުން ދެ ވަނަ ގޯލު ޖެހިއެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނަށް ތިން ވަނަ ގޯލެއް ޖަހައިދޭން ކައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ބަލައެއްނުގަތެވެ. އެއީ ހަވާޓްޒް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސް ވެސް ފޮނުވާލީ އޭނާ ކަމަށްވާތީއެވެ. މި މެޗުގައި ރެފްރީކަން ކުރީ އިޓަލީގެ 32 އަހަރުގެ އަންހެން ރެފްރީއެއް ކަމަށްވާ މާރިއާ ސޯލް ކަޕޫޓީއެވެ.

މެޗަށް ފަހު ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ވަނީ ޓީމެއްގެ ގޮތުގައި ކުޅެން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށްފައެވެ. އަދި ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ފުލްކްރޫގްގެ މަސައްކަތަށް ފްލިކް ވެސް ވަނީ ތައުރީފުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *