ބަޖެޓް ރިޕޯޓަށް މާދަމާ ބަހުސްކުރަން ފަށަނީ

ބަޖެޓް ރިޕޯޓަށް މާދަމާ ބަހުސްކުރަން ފަށަނީ

Author
މުޙައްމަދު ޖިމީ
28 ނޮވެމްބަރ 2020 04:24
0

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓް، ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް ބަހުސްކުރުން މާދަމާގެ ޖަލްސައަށް އެޖެންޑާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބިލް ކޮމިޓީޏް ދިރާސާކޮށް ނިންމި އިރު، ބަޖެޓަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 200 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. އެހެންކަމުން ބަޖެޓް ދިރާސާކޮށް ނިންމާއިރު ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މާދަމާއިން ފެށިގެން ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމުގެ ފުރުޞަތު މެންބަރުންނަށް ހުޅުވާލާއިރު ކޮންމެ މެންބަރަކަށްވެސް ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަން ލިބިވަޑައިގަންނަވާނީ 7 މިނެޓްގެ ފުރުޞަތެކެވެ. މީގެ އިތުރުން އަންނަ އަހަރު ހިންގުމަށް ނިންމާފައިވާ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ހޭދަވާނެ ފައިސާގެ ޢަދަދުވެސް އިތުރުކޮށްފައިވާއިރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނިއަށްވެސް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނެސްފައިވެއެވެ.

ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގައެވެ. ކޮމިޓިން ވަނީ ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓަށް 2 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ކޮމިޓީން ނިންމިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވާއިރު، ކޮމިޓީން ގެނައި ބަދަލުތަކުން ވަނީ ބަޖެޓް ޑެފިސިޓްވެސް ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.