އިންސާފު އެއީ ކޯޓުތަކަށް އަތް ބާނައިގެން ވަކި ބަޔަކަށް ހޯދައި ދޭންޖެހޭ އެއްޗަކަށް މިއަދުގެ ސަރުކާރުން ހަދައި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތާ އެއްއަހަރު (365) ދުވަސް ވުމާއި ގުޅިގެން ހުސެން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އަނިޔާވެރި ވެގެން އެއްވެސް ބަޔަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށެވެ. އެއިރު އެންމެ ގިނައިން ޙައްޤު ތަކުގެ ވާހަކަ ދެއްކި މީހުން، މިއަދު މަޤާމުތަށް ލިބުމުން، ކުޑަމިނުން އިންސާނިއްޔަތު ކަމުގެ ޙައްޤު އެއީ ވެސް އޮންނައެއްޗެއް ކަން ގަބޫލުނުކުރާކަން މިކަމުން އެބަ ހާމަވާކަމަށެވެ. އަދި އެއިރު އިންސާފުގެ ވާހަކަ ދެއްކި މީހުން މިއަދު އިންސާފު އެއީ ކޯޓުތަކަށް އަތް ބާނައިގެން ވަކި ބަޔަކަށް ހޯދައި ދޭންޖެހޭ އެއްޗަކަށް ހަދައިފައިވާކަމަށެވެ.
ރައީސް ޔާމީނަށް އިންސާފު ނުލިބި 1 އަހަރު ވޭތުވެދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. އެމަނިކުފާނު ނުހައްގުން ޖަލުގައި އޮންނަ ކޮންމެ މިނިޓަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ދެރައެއް، ހިތާމައެއް އަދި ނިކަމެތި ކަމެއް. މި ސަރުކާރުގެ ނާޤާބިލުކަން ދިވެހި ރައްޔިތުންނަށް އެނގި ހާމަވަމުން ދާއިރު އެކަން ފޮރުވުމަށް ނުވަތަ ފޯކަސް އެހެން ކަމަކަށް އަނބުރާލުމަށް ރައީސް ޔާމީން ހަތިޔާރަކަށް ބޭނުން ކުރުމަކީ މިސަރުކާރުގެ އަނިޔާވެރިކަމާއި ދެއުޅި އެއްނުވާކަން ހާމަވެގެންދާ ކަމެއް.
– ހުސެންގެ ބަޔާނުގައި ވެއެވެ.
ހުސެން ވިދާޅުވީ މިކަން މިހެން ވާތަން ބަލާކަށް ދިވެހި ރައްޔިތުންނެއް މާ ގިނަދުވަހަކު ނުތިބޭނެ ކަމަށެވެ. ސަރުކާރުގެ ހުރިހާކަމެއް މިދަނީ ފާލުން ނެއްޓިގެންކަމަށާއި، މި ހުރިހާ ކަމެއް ހަމަޔަކަށް އެޅުވޭނެ ޤާބިލްކަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޢަބްދުﷲ ޔާމީން ކަމާއިމެދު ދިވެހި ރައްޔިތުން ޝައްކެއް ނުކުރާކަމަށެވެ. އެމަނިކުފާނަށް ނުހައްގުން ކުރަމުންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ހުސެން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ