އަންހެން ކާޑު ކުޅުއްވުމުން، މާރިޔާއަށް އާޒިމާ ފާޑުވިދާޅުވެއްޖެ

އަންހެން ކާޑު ކުޅުއްވުމުން، މާރިޔާއަށް އާޒިމާ ފާޑުވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުވި ފާޑުކިޔުންތަކުން ރެކެން ވެގެން "އަންހެން ކާޑު" ކުޅުއްވުމުން، ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ބަހުގެ ހަމަލާތަކެއް މާރިޔާއަށް އަމާޒުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ގެކޮޅަށް ވަޑައިގެންނެވި މަގުމަތިން އިދިކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ޑިފެންސް މިނިސްޓްރީ އަށާއި މާރިޔާއަށްވެސް އަމާޒު ވަމުންދާއިރު، އެކަމާއި ގުޅިގެން މާރިޔާ މަޖިލީހަށް ހާޒިރުކޮށް، މަގާމުން ވަކިކުރުމަށް ގޮވާލައި ކުއްލި މައްސަލަ އެއްވެސް އިދިކޮޅުން މަޖިލީހަށް ހުށަހެޅިއެވެ.

އެކަމާއި ގުޅިގެން، މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެފަދަ ފާޑުކިޔުންތައް އޭނާއަށް އަމާޒުވީ އޭނާ އަކީ އަންހެން މިނިސްޓަރެއް ވީމާ ކަމަށް ވިދާޅުވެފައެވެ.

"އައިޖީއެމްއެޗް އިން ހިންގާ އޮޕަރޭޝަނެއްގައި ނުބައިކޮށް ކަމެއް ވެއްޖެ ނަމަ، އެކަކުވެސް އެކަމުގެ ޒިންމާ ހެލްތު މިނިސްޓަރުގެ ބޮލުގައި ނާޅުވާ. ފުލުހުންނަށް ކުރެވޭ ނުރަނގަޅު ކަންކަމުގެ ޒިންމާ ހޯމް މިނިސްޓަރު ގެ ބޮލުގައި އެކަކުވެސް ނާޅުވާ. އެކަމަކު، އޮޕަރޭޝަނަލް ލެވެލް އެއްގައި ނަމަވެސް އެމްއެންޑީއެފްގައި ކަމެއް ހިނގައިފި ނަމަ، އަންހެން ޑިފެންސް މިނިސްޓަރު އެކަމުގެ ޒިންމާ ނަގަން މި ޖެހެނީ. އަދި މިއީ "އަންހެނުން ފާހަގަކުރާ" މަސް." މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ އެ ޓުވީޓުގެ ސްކްރީން ޝޮޓެއް ފޭސްބުކު ގައި ހިއްސާކުރައްވައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހިނގައިދިޔަ ހުރިހާ ނުރަނގަޅު ކަންކަމުގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުއްވައި، މާރިޔާ ވާހަކަދެއްކެވިކަން ހަނދުމަފުޅު ނެތީތޯ ސުވާލު ކުރައްވާފައެވެ.

"2014 ވަނަ އަހަރު (ޔާމީންގެ ސަރުކާރުގައި) ބަލިމީހެއްގެ ގަޔަށް (އެއިޑްސް ޖެހިފައިވާ މީހެއްގެ) ލޭ އެޅުނު މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރަށް ހުރި ޑރ. މަރިޔަމް ޝަކީލާ (އަންހެނެއް) މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލިއިރު އިސް ސަފުގައި ހުރީ ތި ބޭފުޅާ." މާރިޔާ ރައްދުވަމުން އާޒިމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މިއާއެކު އާޒިމާ ވަނީ، ގާނޫނު ހަދާ މަޖިލީހުގައި އަންހެން މެންބަރެއްގެ ގޮތުގައި ހުރެ، ގާނޫނު އަސާސީގެ މައްޗަށް ފައިން އެރި ފުރަތަމަ ފަރާތަކީވެސް މާރިޔާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމާ ވަނީ، އަންހެނުންނަށް ޓަކައި މާރިޔާ ތެދުވީ ކޮން އިރަކުތޯ ސުވާލު ކުރައްވައި، މީގެ ކުރިންވެސް މާރިޔާ މަސައްކަތް ކުރައްވަމުންދިޔައީ، އަނިޔާ ލިބެމުންދިޔަ އަންހެން މީހާގެ ހައްގުގައި ތެދުވުމުގެ ބަދަލުގައި، އޭނާއަށް އަނިޔާކުރި މީހުންނާއިއެކު ހުރެ، މަސައްކަތުގެ މާހައުލުގައި އުޅޭ އަންހެނުންނާއި އެމީހުންގެ ދަރިންނަށް ފުރައްސާރަ ކުރުމުގައި ކަމަށް ވިދާޅުވެފައެވެ.

އާޒިމާ ވިދާޅުވީ، މަޖިލީހުގެ ސެކިޔުރިޓީ ސާވިސަސް އިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ކުރިއާލާ މާރިޔާއަށް އެންގެވި ކަމަށާ އެހެން ނަމަވެސް ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން ނަންގަވަންޖެހޭ ހަރުދަނާ ފިޔަވަޅެއް މާރިޔާ ނުނަންގަވާ ކަމަށް ވިދާޅިވެފައެވެ. އަދި ގާނޫނުގައި ވާގޮތުގެ މަތިން އެ މައްސަލަ ފުލުހުންނަށްވެސް އަންގާފައި ނުވާކަން އާޒިމާ ފާހަގަކުރެއްވިއެވެ.

"ދެން އެ މައްސަލާގައި (ނަޝީދުއަށް ދެވުނު ހަމަލާގެ މައްސަލާގައި) މަޖިލީހަށް ތި ބޭފުޅާ (މާރިޔާ) ދެއްވި ޖަވާބަކީ އެއީ ރިޕޯޓެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ހަމައެކަނި ލިބުނު މައުލޫމާތެއް ކަމަށް." އާޒިމާ ވިދާޅުވި އެ

އެކަން ހިނގީ އެހެން ގައުމެއްގައި ނަމަ، ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވީސް ކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، މާރިޔާ މަގާމުގައި ހުންނެވީ، މިސަރުކާރުގެ ބޭރުގެ "ސްޕޮންސަރުން" ބޭނުންވަނީ މާރިޔާ ފަދަ ގައުމު ވިއްކާލަން ތައްޔާރައް ހުރި ޑިފެންސް މިނިސްޓަރެއް ކަމަށެވެ.

"ތިޔައީ ތިޔަ ވިދާޅުވާފަދަ އަންހެން ލީޑަރެއްގެ ހުންނަންޖެހޭ ސިފަތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި ހުރި ލީޑަރެއް ނަމަވެސް، ނިގާބު އެޅުމުގެ ސަބަބުން ތަޢުލީމުން މަހްރޫމުވެގެންދާ ދަރިވަރުންގެ ހައްގުގައި ތެދުވެބަލަ. ތިބޭފުޅާ ލަދު ގަންނަންޖެހޭ. ތިޔަ ހުރި ވަޒީފާއަށް ކުފޫ ހަމަ ނުވާކަން ގަބޫލު ކޮށް އިސްތިއުފާދީ." އާޒިމާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *