ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލަން ނިންމައިފިއެވެ.
އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު"އަށް ވިދާޅުވީ އެ މައްސަލަ ބަލަނީ އެ ކޮމިޓީގެ އިސް ނެގުމަށް ކަމަށެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ބާވަތުގެ މައްސަލަ ބެލުމަކީ އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ. މި ކޮމިޓީން ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު 11 ޖަހާއިރެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމްގެ ސްޕޯޓަރުން ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.
މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުން އެސަރަހައްދުން މޮޓޯކޭޑަށް ދެވުނީ 10 ވަރަކަށް މިނިޓްފަހުން ސަލާމަތީ ބާރުތަކުން ބައެއް މީހުން ހައްޔަރުކޮށް އެސަރަހައްދުން ދަތުރުކުރެވޭނެ ގޮތަށް ހެދުމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އެންގިއެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ރޭގެ މުޒާހަރާ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ހިމެނެއެވެ. ނަމަވެސް އޭނާ ވަނީ ރޭ ދޫކޮށްލާފައެވެ. މިހަމަނުޖެހުންތަކުގައި ހައްޔަރު ކުރި ގިނަ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅަން ފުރުސަތު ދިނުމަކީ އެމަނިކުފާނަށް ދޭ ސެކިޔުރިޓީ ފެއިލްވުން ކަމަށާއި އެކަމުގެ ޒިންމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަންގަވަންޖެހޭ ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރަން ގޮވާލައި ޕީޕީއެމް އިން ހުށަހެޅި ކުއްލި މައްސަލަ މިއަދު މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.