ޖޭޕީގެ 4 އެޑްވައިޒަރަކަށް ޕްރޮމޯޝަން ދީ ސްޕެޝަލް އެޑްވައިޒަރުންނަށް ބަދަލު ކޮށްފި

ޖޭޕީގެ 4 އެޑްވައިޒަރަކަށް ޕްރޮމޯޝަން ދީ ސްޕެޝަލް އެޑްވައިޒަރުންނަށް ބަދަލު ކޮށްފި

Author
ހުސެއިން
21 މާރޗް 2023 10:52
0

ޖުމުހުރީ ޕާޓީގެ އެޑްވައިޒަރުންގެ މަގާމުގައި ތިއްބެވި 4 ބޭފުޅަކަށް ޕްރޮމޯޝަންދީ، ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުންނަށް ބަދަލު ކޮށްފިއެވެ.

މި ބޭފުޅުންނަށް ޕްރޮމޯޝަން ލިބި، ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިރުންގެ މަގާމަށް ބަދަލުވެގެން ދިއުމާއެކު، ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ އަދަދު 8 އަށްވަނީ އަރާފައެއެވެ. އަދި އެޕާޓީގައި އެކި ފެންވަރުގައި ތިއްބެވި އެޑްވައިޒަރުންގެ އަދަދު މިހާރުވަނީ ޖުމްލަ 12 އަށް އަރާފައެވެ.

ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ މަމާގަށް ޕްރޮމޯޓު ކުރެއްވި ހަތަރު ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކާއި، ރައްޔިތުންގެ މަޖިލިހުގެ ވިލިފުށި ދައިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަބުދުﷲ ނަވާޒްއާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދެވެ.

އޭގެ އިތުރުން ޖޭޕީންވަނީ ލީޑަރުގެ އެޑްވައިޒަރުންގެ މަގާމަށްވެސް އަލަށް 4 ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އަލަށް އެޑްވައިޒަރުކަމަށް އައްޔަން ކުރައްވާފައިވަނީ، ފާއިތުވި ފެބްރުއަރީމަހު ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ނާއިބު ލީޑަރުކަމަށް ވާދަކޮން އިންތިޚާބުން ބަލިވި ފަރާތްތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ އެޕާޓީގެ ހެޑުކުއާޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައިވާ ޔަޝްފާ އަބުދުލް ޢަނީއާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން އަބުދުލް ޢަނީ (ހަނަފީ) އާއި، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ އަހުމަދާއި، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީއެވެ.

އޭގެ އިތުރުން، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވި އިލްހާމް އަހުމަދު ވަނީ ދާދިފަހުން އުފެއްދި، ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދުން އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލަށް އައްޔަންކުރާ 10 މެމްބަރުންގެ ތެރެއިން ދެބޭފުޅަކުވެސް އިއްޔެވަނީ އައްޔަން ކޮށްފައެވެ. އެ ދެބޭފުޅުންނަކީ އިބުރާހިމް ޖިހާދުއާއި އަބުދުﷲ ރަޝީދެވެ.

ޖުމުހޫރީ ޕާޓީ ހިމެނިގެންދަނީ ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި، އިންތިޚާބުތަކުގައި ވާދަކުރުމަކާ ނުލާ، އައްޔަން ކޮށްފައިވާ ބޭފުޅުން އެންމެގިނަ އެއްޕާޓީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.