ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ބޭނުންވާނަމަ، އެކަން މަގުފަހިކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް އިންތިޚާބާއި ބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅައިފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާއި ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާފައިވާކަމަށެވެ.
ޤާނޫނަށް މިއިސްލާހު ހުށަހަޅުމުގެ އެންމެ ބޮޑު ބޭނުމަކީ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުސޫލެއް ހަމަޖައްސައި ދިނުމެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ފަރާތުން ޤާނޫނަށް މިއިސްލާހު ހުށަހަޅާފައިވާއިރު، ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓު ލުމުގެ ހައްގު ހޯދުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއިވެސް ވަނީ ބައްދަލުކޮށްފައެވެ.
މިބިލުން ގެންނަ އިސްލާހަށް ބަލާއިރު ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންގެ ތެރެއިން ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖަހަން އެދޭނަމަ އެފުރުސަތު ދެވިގެންދާނެއެވެ. އެގޮތުން އެފަދަ މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި، އެތެރެ ފެންނަ ޕްލާސްޓިކް ކާޑެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް މި އިސްލާހު ހުށަހަޅާފައިވާއިރު، މަޖިލީހުގައި މިހާރުވެސް މިބިލަށް ހުށަހެޅުނު އެހެން އިސްލާހުތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ