އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ އިން މި އަހަރުގެ ރޯދަމަހު، އެޓީމުގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ސްޓޭމްފޯޑް ބްރިޖުގައި އެގައުމުގެ މުސްލިމް ކޮމިއުނިޓީ އަށް ހުޅުވާލައިގެން ރޯދަ ވީއްލުމެއް ބާއްވަން ތާވަލު ކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން މި ފަދަ ހަރަކާތެއް ރޭވި ފުރަތަމަ ފަހަރެވެ. ޗެލްސީ ފައުންޑޭޝަނުން ރޭވި މި ހަރަކާތް ކުރިއަށްގެންދާނީ މި މަހު 26 ވަނަ ދުވަހުއެވެ.
ލަންޑަނަކީ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ސިޓީއެއް ކަމަށްވާއިރު، މި މަހު 23 އިން އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބަރަކާތްތެރި ރަމަޟާން މަސްގެ ދުވަސްތަކުގައި މުސްލިމުންނަށް އަމާޒުކޮށް ގިނަ ކަންކަން އެކި ފަރާތްތަކުން ކުރިއަށްގެންދެ އެވެ. އެ ގޮތުން މުސްލިމު ކުޅުންތެރިން ހިމެނޭ ޗެލްސީން ޓީމުން ވެސް މި ވަނީ ތާރީހީ ކަމެއް ރާވައިފައެވެ.
ޗެލްސީ އަށް ކުޅޭ މުސްލިމް ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ރޯދަ ހިފައިގެން މީގެ ކުރިން މެޗުތަކުގައި ކުޅެފައިވާ ކުޅުންތެރިންނެވެ. ޗެލްސީ އަށް މިވަގުތު ކުޅޭ މުސްލިމް ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ގެ އިތުރުން ވެސްލީ ފޮފާނާ، ހަކީމް ޒިޔެޝް، ކަލިދޫ ކުލިބާލީ އަދި ލޯނު އުސޫލުން ފްރާންސް ލީގުގައި ކުޅޭ މަލަންގް ސާ ހިމެނެއެވެ.
ކުލިބާލީ އާއި ފޮފާނާ ވަނީ ޗެލްސީގެ ރޯދަ ވިއްލުމުގެ ޕްރޮގުރާމާ ގުޅިގެން އުފާވެރި އިހުސާސްތަކެއް ހިއްސާ ކޮށްފައެވެ. ކުލިބާލީ އޭނާގެ ސޯޝަލް މީޑިއާ ގައި ހިއްސާ ކުރި ވީޑިއޯ އެއްގައި ބުނީ، އެކުގައި ކައި، ނަމާދު ކޮށްލައި، ހޭދަކުރެވޭ ވަގުތުކޮޅަކީ އުފާވެރި ވަގުތުކޮޅަކަށް ވާނެ ކަމަށެވެ.
ޗެލްސީން ބައިވެރިވެގެން ކުރިއަށްގެންދާ "ނޮޓް ޓު ހޭޓް" ކެމްޕެއިންގެ ބައެއް ކަންކަން ވެސް ރޯދަ ވިއްލުމުގެ މި އިވެންޓާ އެކު ކުރިއަށްގެންދާނެ އެވެ. "ނޮޓް ޓު ހޭޓް" އަކީ އެކި ނަސްލުގެ މީހުންގެ މެދުގައި ތަފާތު ނުކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްދާ ކެމްޕެއިނެކެވެ.