ސަރުކާރު ހިންގާ މައިޕާޓީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ތެރޭގައި ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާ އާއިމެދު ޚިޔާލު ތަފާތުވެ ބިލުގެ މަސައްކަތް ހުއްޓިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ދިރާސާ ކުރަމުންދާ ޒަމާނީ ފުލުހުންގެ ހިދުމަތް ތަޢާރަފްކުރުމަށް މަޖިލީހުން އެކުލަވާލާ ބިލުގެ މަސައްކަތް ޖުލައި 15 ވަނަ ދުވަހު ނިންމުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ. ނަމަވެސް މިދައުރު ނިމިގެންދާއިރުވެސް ބިލުގެ މަސައްކަތް ނިމިދާނެކަމާއިމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.
ޖުމްލަ 139 މާއްދާގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބިލުގެ މަސައްކަތް ހުއްޓިފައިވަނީ 95 ވަނަ މާއްދާއާއި ހަމައިންނެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާއަކީ ފުލުހުންނަށް ހަތިޔާރު ދިނުމަށް ޤާނޫނުން ބާރުދޭ މާއްދާއެވެ. އޭޖީ އޮފީހުން ފުލުހުންގެ ބިލް މަޖިލީހަށް ހުށްހެޅުއްވި އިރު މިމާއްދާ އެކުލަވާލާފައިވަނީ، ވަކި ހާލަތްތަކެއްގައި ލީތަލް ހަތިޔާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ދޭގޮތަށެވެ.
ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާއިން، ލީތަލް ހަތިޔާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ދިނުމަށް ކޮމިޓީގައި ދެކޮޅު ހަދާފައިވަނީ މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

ކޮމިޓީން ފުރަތަމަ ބިލުގެ މިމާއްދާ ފާސްކުރިއިރުވެސް މިބޭފުޅުން ދިޔައީ މިމާއްދާ ނުހިމަނައި ބިލު ފާސްކުރުމަށް ވަކާލާތު ކުރައްވަމުންނެވެ. ނަމަވެސް، މިބޭފުޅުންގެ ވޯޓާ ނުލާ މިމާއްދާ ސަރުކާރުން ހުށަހެޅިގޮތަށް ކޮމިޓީން ފާސްކޮށްފައިވަނިކޮށް، މިހާރު އަނެއްކާވެސް ކޮމިޓީ މަރުހަލާއި މިމާއްދާ ބޭއްވުމާއިމެދު ޚިޔާލު ތަފާތުވެ މިމާއްދާ އުނިކުރުމަށް، ނުވަތަ، މިމާއްދާއިން ފުލުހުންނަށް ލީތަލް ހަތިޔާރު ބޭނުނުން ކުރުމުގެ އިޚްތިޔާރު ލިބިދީފައި އޮންނަ އޮތުން އުނިކުރުމަށް މަޖިލިސް ރައީސްވެސް ބާރު އަޅުއްވަމުން ގެންދަވާކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ޚަބަރު އޮންލައިނަށް ވަނީ މައުލޫމާތު ދީފައެވެ.
ބިލު ދިރާސާ ކުރާ ކޮމިޓީގައި، ފުލުހުންގެ ބިލާ ގުޅޭގޮތުން ފަންނީ އެކްސްޕާޓެއްގެ ގޮތުން މައުލޫތު ދެއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. އޭނާވަނީ މިމާއްދާ މިގޮތަށް ބޭއްވުމަކީ ރައީސް ޞާލިހުއާއި، އޭޖީވެސް ބޭނުންފުޅުވާ ގޮތްކަމަށްވާތީ މިމާއްދާ ހިމަނައިގެން ބިލު ޑްރާފްޓް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދިމިއީ ސަރުކާރުން މިކަމުގައި ބޭނުންވާ ގޮތްކަމަށް ހިސާން ވަނީ ކޮމިޓީ މަރުހަލާގައި ވިދާޅުވެފައެވެ.

ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ މި ޤާނޫނުގެ ދަށުން ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ކޮމިޓީ މަރުހަލާއިން ބިލުފާސްކޮށް ތަޅުމަށް ފޮނުވާއިރު، ފުލުހުންނަށް ހަތިޔާރުދޭ މައްދާ އުނިކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް އިސްބޭފުޅުން މަސައްކަތް ކުރައްވާއިރު، ސަރުކާރުގެ ވިސްނުން ހުރީ މިމާއްދާއާއިއެކު ބިލު ފާސް ކުުރުމަށެވެ. ނަމަވެސް މިކަމުގައި މެމްބަރުންގެ މެދުގައި ޚާއްސަކޮށް ކޮމިޓީގެ ތެރޭގައި ޚިޔާލު ތަފާތުވެ މިދޔަ ބުރާސްފަތި ދުވަހު ބާއްވަން އުޅުނު ކޮމިޓީ ބައްދަލުވުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ