އީރާނުގެ އެންމެ އިސް ނިއުކުލިއަރ ސައިންޓިސްޓް މުޙުސިން ފަޚްރިޒާދޭ ބަޑިން ހަމަލާދީ އަވަހާރަ ކޮށްލައިފިއެވެ.
އިރާނުގެ ޑިފެންސް މިނިޓްރީން ޔަގީން ކޮށްދީފައި ވާގޮތުގައި، ފަޚްރިޒާދޭ އަވަހާރަވެފައި ވަނީ، ކޮން ބަޔަކުކަން ނޭގޭ ބަޔަކު ދިން ހަމަލާތަކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިރާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ފަޚްރިޒާދޭ އަވަހާރަ ކޮށްލާފައިވަނީ، ވެރިރަށް ތެހެރާންގެ ކައިރި ސަރަހައްދެއްގައި ކާރުކޮޅުގައި ދަނިކޮށް، ކާރުކޮޅަށް އަމާޒުކޮށް ބޮމެއް ގޮއްވާލުމަށްފަހު، ބަޑިން ހަމަލާ ދީގެެންނެވެ.
ބައެއް މީޑިއާތަކުން މައުލޫމާތު ދީފައިވާގޮތުގައި، ކާރުކޮޅު ދުއްވާފައިދިޔަ ސަރަހައްދުން ފުރަތަމަ އިވިފައިވަނީ ބޮމެއް ގޮށްވާލި އަޑުފައްގަޑެކެވެ. އަދި އެއަށްފަހު، ބަޑިން ހަމަލާދިން އަޑު އެސަހައްދުން އިވިގެންދިޔަ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި، ފަޚްރިޒާދޭގެ ކާރުކޮޅަށް އަމާޒުކޮށް ދެވުނު މިހަމަލާގައި އޭނާގެ ބޮޑީގާޑުންވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ. އަދި ޒަޚަމް ވީ މީހުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުންނެވެ.
ހުޅަގުގެ ގައުމުތަކުން ދެކޭ ގޮތުގައި ފަޚްރިޒާދޭއަކީ އިރާނުގެ ސިއްރު ނިއުކުލިއަރ ހަތިޔާރާބެހޭ ޕްރޮގްރާމްގެ ހަގީގީ ބާނީއެވެ. ބޭރުގެ ޑިޕްލޮމޭޓުން އޭނާ ސިފަކޮށްފައި ވަނީ، "އީރާނިއަން ބޮމުގެ ބައްޕަ"އިގެ ގޮތުގައެވެ.
ފަޚްރިޒާދޭގެ މަރުގެ ޚަބަރު އާންމުވެގެން މިދިޔައީ، އިރާނުން ފައްކާ ކުރަމުންދާ ޔޫރޭނިއަމްގެ އަދަދު އިތުރުކުރަން ފަށާފައިވާކަމުގެ ކަންބޮޑުވުން ބައިނަލް އަގުވާމީ މުޖުތަމައުގައި އިތުރުވަމުން ދާން ފަށާފައިވާ ދަޑިވަޅެއްގައެވެ.
ފައްކާކުރެވިފައިވާ ޔޫރޭނިއަމްއަކީ، އާދައިގެ ނިއުކުލިއަރ ހަކަތައް އުފެއްދުމަށާއި އަދި ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށްވެސް ބޭނުން ކުރާ އެންމެ މުހިންމު މާއްދާއެވެ. އީރާނުން މިހާތަނަށްވެސް ބުނަމުން އަންނަނީ އެގައުމުގެ ނިއުކުލިއަރ ހަކަތައާބެހޭ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމުގައެވެ.
2010ވަނަ އަހަރާއި 2012ވަނަ އަހަރާއި ދެމެދު އިރާނުގެ ނިއުކްލިއަރ ހަކަތައާބެހޭ އިސް 4 ސައިންޓިސްޓަކު މަރާލެވިފައި ވެއެވެ. އިރާނުން ތުހުމަތު ކޮށްފައިވަނީ، މިހުރިހާ ސައިންޓިސްޓުންގެވެސް މަރުގެ ފަހަތުގައި ވަނީ އިޒްރޭލު ކަމުގައެވެ.
2018 ވަނަ އަހަރުގެ މޭމަހު، އިޒްރޭލުގެ ބޮޑުވަޒީރު އިރާނުގެ ނިއުކްލިއަރ ހަތިޔާރު ޕްރޮގްރާމާ ބެހޭގޮތުން ދިން ޕްރެޒެންޓޭޝަނުގައި ފަޚްރިޒާދޭގެ ނަން ވަކިން ޚާއްސަކޮށް ފާހަގަ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ