މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ނިންމާނެ ގޮތަކާއިމެދު ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ. މީގެ ތެރޭގައި އެޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ އިސްބޭފުޅުންނާއި، އެޕާޓީގެ އާންމު މެމްބަރުންނާއި، ޕާޓިގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވަމުންދާ ބޭފުޅުންވެސް ހިމެނެއެވެ.
ސަރުކާރުގެ ވަޒީރުންނާއި އެކި މަޤާމުތަކުގައި ތިބި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންގެ ވިސްނުމަކީ ރައީސް ޞާލިހާއިއެކު ދެވަނަ ދައުރަކަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކޮށްދެއްވުމެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ގުރާސްރޫޓާއި، ލީޑަރޝިޕްގެ ގިނަ ބޭފުޅުންގެ ތާއީދު އޮތީ އެއްވެސް މީހެެއްގެ ފަހަތަށް ނާރައި ޤާސިމް ރިޔާސީ އިންތިޚާބަށް ނިކުންނެވުމެވެ. އެކަން ނިމިދިޔަ އެޕާޓީގެ ކޮންގްރެސްއިންވެސް ވަނީ ސާބިތުވެފައެވެ.
ކޮންގްރެސްއަށް އެޕާޓީގެ ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ހުށަހެޅުނު ޤަރާރު އައުލަބިއްޔަތު ވަނީ ފާސްކޮށްފައެވެ. ނަމަވެސް މިޤަރާރަކީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫނެވެ. ޤާސިމް ވިދާޅުވިގޮތުން މިއީ ޕާޓީގެ މެމްބަރުންގެ ޚިޔާލް ހުރިގޮތެއް ބެލުމަށްޓަކައި ބަހުސްކުރުން މުހިންމު ގަރާރެކެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާކޮށް އެޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރުމުގެ ބާރު އޮންނަނީ ޕާޓީގެ ކައުންސިލަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ޖޭޕީގެ ކައުންސިލުން ދީފައިވަނީ ގާސިމު އިބްރާހީމް އަށެވެ. ޖޭޕީގެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރެއް ފާސް ކޮށްގެންނެވެ. މި ގަރާރު ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މިއާއިއެކު ކައުންސިލް މެމްބަރުންނަށްވެސް އަދި ޕާޓީގެ އިސް ބޭފުޅުންނަށްވެސް ޤާސިމް އަމަލުކުރައްވާނެ ގޮތެއް ސާފެއް ނުވެއެވެ. މިހަފްތާގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހު ޖުމްހޫރީ ޕާޓީން ނިންމާ ނިންމުމެއް ހާމަކުރަން ހަމަމެހިފައިވާކަމަށްވެސް އެޕާޓީގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެވެސް ސުވާލު މާކެއްގެ ތެރޭގައި އޮތްކަމެކެވެ.
. @qasimibrahim @ilhammaldives @riyaz_rasheed @MPShaah ?😇 pic.twitter.com/ImEsUb3Ban
— Abdulla Ahmed (@AblhoMP) March 13, 2023
ޤާސިމް އިންތިޚާބަށް ނިކުތުމާއިމެދު ގޮތެއް ނުނިންމާއި ލަސްކުރަނީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ ނިންމުމާއި ޤައުމުގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާތީކަމަށް އެޕާޓީގެ އިސްބޭފުޅުން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމެއްވެސް އުފެދިފައިވަނީ ޖުމްހޫރީ ޕާޓީގެ ތާއީދާއިއެކުގައިި ކަމަށްވާތީއެވެ.
ޤާސިމްގެ ނިންމުމަށް މުޅި ޤައުމު އިންތިޒާރުގައި އޮތްއިރު، ޤާސިމްގެ ނިންމުން އެބޭފުޅަކު ތާއީދުކުރާ ދިމާލަކަށް ނިންމުމަށްޓަކައި ސިޔާސީ އެކި ފިކުރުތަކުގެ ބޭފުޅުން ދަނީ ފާޅުގައާއި، ސިއްރުގައިވެސް ޤާސިމާއި ބައްދަލުކުރައްވަމުންނެެވެ. ޤާސިމްގެ ނިންމުމާއި ގުޅޭގޮތުން ރައީސް ޞާލިހާއި، ނައިބް ރައީސް ފައިސަލް ނަސީމާއި، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި، ސިޔާސީ ގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންވެސް ދަނީ ޤާސިމާއި ބައްދަލު ކުރައްވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޢަދާލަތު ޕާޓީއާއި، އެމްޑީއޭ ނިންމާ އެ ދެޕާޓީން އެކަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެހެން ޕާޓީއަކުން އަދި މިދައުވަތު ގަބޫލުކޮށް އެކަމާއި މަޝްވަރާވެސް ކޮށްފައިި ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީން އެޕާޓީގެ ރައީސް ޔާމީނަށް ރިޔާސީ ކެނޑިޑޭޓްގެ ޓިކެޓް ދިން ނަމަވެސް ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޖަލުހުކުމް އިސްތިއުނާފުގެ މަރުހަލާގައި އޮތްއިރު އިދިކޮޅު ފަރާތްތަކުން ނުބަމުންދަނީ ރައީސް ޔާމީން މި އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ