ރަފީނިއާގެ ގޯލުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި ހަމަޖެހިލައިފި

ރަފީނިއާގެ ގޯލުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި ހަމަޖެހިލައިފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް، އެޓީމުން ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗު، އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ކުރިން ބާސާއަށް އިރުޝާދު ދިން ކޯޗު، އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ރޭ ކުޅުނު ބިލްބާއޯ ވަނީ މެޗުގައި ރަނގަޅަށް ކުޅެ، ހަމަލާތައްވެސް އުފައްދައިފައެވެ. އިނާކީ ވިލިއަމްސްގެ ހަމަލާ ބާސާގެ ގޯލްކީޕަރު އަންދްރޭ ޓާ ސްޓެގެން މަތަކުރި އިރު، ރައުލް ގާސިއާ ކޯނަރަކަށް އަރައި ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފައެވެ.

އަނިޔާގެ ސަބަބުން ބައެއް މުހިއްމު މެޗުތައް ގެއްލުނު ރޮބާޓް ލެވަންޑޯސްކީ ރޭގެ މެޗުގެ ފުރަތަމަ 11އަށް ނުކުމެފައިވާ އިރު، އޭނާ ހަމަލާ މަތަކުރީ ބިލްބާއޯގެ ގޯލްކީޕަރު ހުލެން އަގިރިޒަބަލާއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބާސާއިން ލީޑު ނެގިއެވެ. ސާޖިއޯ ބުސްކަޓްސްގެ ޕާސް، އޭރިއާ ތެރެއިން ހޯދައި، ބޯޅަ ގޯލުގެ ދުރު ކަނަށް ފޮނުވާލައި ބާސާއަަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވަޑް ރަފީނިއާއެވެ. އެ ގޯލު ރެފްރީ ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ ސައިޑް ނޫން ކަމަށް ނިންމުން ބަދަލުކޮށްފައެވެ.

މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް އިނަކީ ވިލިއަމްސް ފޮނުވާލި ބޯޅައެއް ގޯލަށް ވަތް ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ވިލިއަމްސްއަށް ފުރުސަތު ތަނަވަސްވުމުގައި ބޯޅަ މުނިއައީންގެ އަތުގައި ޖެހުނު ކަމަށެވެ.

މި މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކުއެވެ. އަންނަ ހަފްތާގައި ލީގުގެ އެއް ވަނަ، ބާސެލޯނާ އާއި ދެ ވަަނަ ރެއާލް މެޑްރިޑް ކުޅޭ އެލް ކްލަސިކޯ މެޗު އޮންނާނެއެވެ. އޭގެ ކުރިން ބާސެލޯނާ ކުރީގައި މި އޮތީ ރަނގަޅު ލީޑެއްގަ އެވެ. ބާސެލޯނާ އަށް 25 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 25 މެޗުން ވަނީ 56 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *