އިންޑިއާ ސިފައިން ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖެ ހިފިދާނެކަމަށް، މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވި ހިސާބުން މަގާމުގައ ހުންނެވުމަށް ޑިސްކޮލިފައި ވެއްފައިވާކަމަށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ ޑރ. މުނައްވަރު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ޑރ. މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގައުމުގެ ދިފާޢު ނުބެލެހެއްޓެވޭނެކަމަށް، ނުވަތަ މިނިވަން ދައުލަތެއްގެ ގޮތުގައި މިގައުމު ނުބޭއްވެވޭނެކަމަށް ގަބޫލުފުޅު ކުރައްވާ ބޭފުޅަކު ޑިފެންސް މިނިސްޓަރުކަމުގައި ބަހައްޓައިގެން ނުވާނެ ކަމުގައެވެ.
ހުންނަވައިގެން ނުވާނެ އިނގޭތޯ. އަޅުގަޑުމެން އަޑަށް ބާރުލާފައި މިބުނަނީ ނުހިފޭނެއޭ. ނުހިފޭނެއޭ. ބައިނަލްއަގުވާމީ ގާނޫނެއް ހުއްދައެއް ނުކުރެއޭ، ކުޑަ ގައުމަކުން ބޮޑު ގައުމަކަށް އަރައިގަންނާކަށް ހުއްދައެއް ނުކުރެއޭ. މިހާރު މި ހިނގަމުންދާ ހަނގުރާމައިންވެސް ތިބޭފުޅުންނަށް، ރޫސީ ޔޫކުރެއިން ހަނގުރާމައިންވެސް ތިބޭފުޅުނަށް އެކަން އެނގިވަޑައިގަންނަވާނެ. މުޅި ދުނިޔެ ރޫސީނަށް އަންގަނީ ތިހެނެއް ނުހިފޭނެއޭ. ދެން މާރިޔާ ޔޫކުރެއިންގެ ހުންނެވިނަމަ ވިދާޅުވާނެ، އޭ އަވަހަށް އަންނަހަރޭ، އަވަހަށް ހިފާށޭ. އެހެން ކަމަކު ނުދާނެ ނޫންތޯ¡
އިންޑިއާގެ ނިއުސް ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައި، އިންޑިއާގެ އަސްކަރިއްޔާ ބޭނުންވެއްޖެނަމަ، ބޭނުން ވަގުތަކު ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ މާރިއާ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން މުނައްވަރު ވިދާޅުވިއެވެ.
މުވައްވަރު ވިދާޅުވީ، މާރިޔާ އެމަގާމުގައި ހުންނެވީ ގައުމުގެ ދިފާޢަށްއޮތް ވަރަށްބޮޑު ރިސްކެއްކަމަށާއި، މޯރަލީވެސް (އަމިއްލަ ހައިސިއްޔަތުންވެސް) މާރިޔާ މަގާމުގައި ހުންނަވައިގެން ނުވާނެ ކަމުގައެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން މާރިޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެގައުމުގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އިންޑިއާގައި އޮތީ ވަރަށް ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި، އިންޑިއާގެ އަސްކަރިއްޔާއިން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފާނެކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ދިވެހި އަސްކަރިއްޔާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯނާނެކަމަށްވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖެ ހިފިދާނެކަމަށް މާރިޔާ ވިދާޅުވުމާއި ގުޅިގެން ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވެއެވެ. އަދި ބައެއް ފަރާތްތަކުންވަނީ މާރިޔާ މަގާމުން އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ