ރާއްޖޭގެ އިގްތިސާދީ މަންފާއަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާބަން ބޮލެވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީ ކުރުމަށް މަޝްހޫރު ހަ ފަރާތަކާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ.
އެޗްޑީސީއާ އެކުގައި ސޮއިކުރި މަޝްހޫރު ތަންތަނުގެ ތެރޭގައި ބްރަދާސް ކޭޓަރިން، ރެފްކޫލް، ޑައިނަމޯ، ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް، މިސްރާބު ޕްރައިވެޓް ލިމިޓެޑް އަދި ޑްރީމްސް ޕްރައިވެޓް ލިމިޓެޑް، ހިމެނެއެވެ. ބްރަދާސް ކޭޓަރިންގގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ މުހައްމަދު ޝައިފްއެވެ. ރެފްކޫލްގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނިހާދުއެވެ. ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގާއިމު ކުރާ ކެފޭ އެއްބަސްވުމުގައި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޒީލްއެވެ.
މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑިރެކްޓަރ އަހުސަން ޒާހިރު ސޮއިކުރެއްވި އިރު، ޑައިނަމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީއެވެ. ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބޮލެވަރޑްގައި ގާއިމު ކުރެވޭ އެންމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓްކަމުގައިވާ ކެނީ ރޮޖާސް ރޯސްޓަރސްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ހުސެއިން އެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމްއެވެ.
އާރބަން ބޮލެވަރޑް ނިމިގެން ދާއިރު، މި ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްޤީ އާ ބަދަހިވަންތަ މުޖުތަމަޢު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ތަރައްގީ ކުރެވިފައި ހުންނަ ބޮލެވަރޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާރބަން ބޮލެވަރޑް ވެސް ވެގެން ދާނީ، ގިނަ ޙިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށެވެ. އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަޤުބޫލު ސަރަހައްދަކަށްވެސް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ގާއިމު ކުރެވިގެން ދާނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެކަމުގެ ޔަގީންކަން އެޗްޑީސީން ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ