ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައި މަޤާމުގެ ހުވާކުރި ކަމުގައި ވީނަމަވެސް، އެމަޤާމާއި ހަވާލުއެވަނީ އެންމެ 6 ދުވަހަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރެއްވިތާ މާގިނަ ދުވަހެއް ނުވަނީސް ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހުމަދު ޝަކީލް ހައިކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމައި، މަޤާމުގެ ހުވާ ކުރެއްވުމަށް އަންނަ ހޯމަ ދުވަހަށް ޝެޑިއުލް ކުރުމާއި ގުޅިގެން ޓޮމް ކުރެއްވި ޓުވީޓެއްގައެވެ.
އޭނާ ވިދާޅުވީ ސިޔާސީ ހުކުމެއް ކުރާ ފަނޑިޔާރުން އެފަނޑިޔާރުންގެ މައްސަލަތައް ނުބެލޭނެކަމަށް ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރު ޝަކީލް ހުވާ ކުރައްވަނީ އެންމެ 6 މަސް ދުވަހަށް ކަމަށް ޓޮމް ވިދާޅުވިއެވެ. އޭގެ ފަހުން އޭނާ މަޤާމުން ވަކިކޮށް ކުރައްވާފައިވާ އަމަލުތަކުގެ ޖިނާއީ ތަހުގީގާއި ޝަކީލް ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވާނެކަމަށް ޓޮމް ވިދާޅުވިއެވެ.
ރައީސް ޔާމިންއަށް ހަރާން ހުކުމްކުރި ޝަކީލް ހައިކޯޓްގެ ހުވާކުރުން މިއަންނަ ހޯމަދުވަހަށް ތާވަލްކޮށްފި. ސިޔާސީ ހުކުމްކުރި ފަނޑިޔާރުގެ މައްސަލަ ނުބަލާނެކަމަށް ހީކުރުމަކީ މޮޔަކަމެއް. ހުވާތިކުރެވެނީ 6 މަސްދުވަހަށް. މަޤާމުވެސް ގެއްލޭނެ އަދި ޖިނާއީ ތަހްޤީޤާވެސް ކުރިމަތިލާންޖެހޭނެ.
– ޓޮމް ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ބެންޗްގައި އިސްކޮށް އިންނެވި އަލީ ރަޝީދު ވެސް އެހުކުމަށް ފަހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ. ޝަކީލް ހައިކޯޓަށް އައްޔަން ކުރިކަން އާއްމުކޮށް ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ވިދާޅުވީ 23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ޝަކީލް އަކީ ވިލާކޮލެޖްއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށެވެ.
19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ކަމަށް ވެސް ޖޭއެސްސީ އިން ބުނެއެވެ. ޝަކީލް ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ