ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް އޮވެގެން އިއްޔެ އެމަނިކުފާނު ދެކިލުމަށް ކޯޓު ކައިރިއަށް ދިޔަ އަންހެން ކަނބަލުންތަކެއް ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމުގައި ފުލުހުން ބުނެފިއެވެ.
އިއްޔެގެ އެއްވުމުގައި ގިނަ އަދަދެއްގެ ފިރިހެން އަދި އަންހެން ފުލުހުންތަކެއް 5 ވަރަކަށް އަންހެނުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައިވާ ވީޑިޔޯދަނީ ސޯޝަލް މިޑީޔާގައި ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ،ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސަލާމާތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށްވަދެ، މޫދަށް ފުންމާލި43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި އެވަގުތު ވައެއް މީހުން ވެއްޓި އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއިއެކު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ.
ފުލުހުންގެ ތެރޭގައި އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން، މި ހާލަތުގައި ފުލުހުން ހަރަކާތްތެރި ވެފައިވާގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާދިސާގައި ދެމީހަކަށް އެކިވަރުގެ އަނިޔާލިބި ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މިކަމާއި ގުޅިގެން މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ މުޅި ދުނިޔެ ކަނބަލުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލަމުންދާ ވަގުތެއްގައި ފެނިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވަޒީރުންނާއި، ވައެއް ފުލުހުން ހިމެނޭގޮތަށް ކަނބަލުންނަށް އަނިޔާކޮށް ފުރައްސާރަކޮށް އެކަމަށް ހިތްވަރު ދޭތަންކަމަށެވެ.
މި ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަ ކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އެކަނބަލުންގެ ޙައްޤުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމަކީ ބިރުވެރި މެސެޖެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދެކޭކަމަށް އެކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ