ވަކި ބޭފުޅެއްގެ މައްސަލަ ބައްލަވާފައިވުމަކީ ވަޒީފާގެ ކުރިއެރުން ނުލިބެންވީ ސަބަބެއް ނޫން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޑރ.އިޔާޒު ވިދާޅުވީ ކޮންމެ ފަނޑިޔާރަކަށް ވީނަމަވެސް އެމީހަކު ބަލާ މައްސަލައެއްގެ ގޮތުން އެމީހަކަށް ވަޒީފާގެ ގޮތުން ލިބެންޖެހޭ ކުރިއެރުން ނުލިބުމަކީ ވެގެންވާނެ ކަމެއް ނޫންކަމަށެވެ.
ވަކި ބޭފުޅެއްގެ މައްސަލަ ބައްލަވާފައިވުމަކީ ވަޒީފާގެ ކުރިއެރުން ނުލިބެންވީ ސަބަބެއް ނޫން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައިވަނިކޮށް އެ ހުކުމް އިއްވި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ޕީޕީއެމުންއިން ވަނީ މިއަދު ބުނެފައެވެ.
ޑރ.އިޔާޒު ވިދާޅުވީ ޤާޒީއަށް ލިބެންޖެހޭ ކުރިއެރުން ލިބުމުގައި ވަކި މީހަކަށް ކުރާ ހުކުމަކުން އެމީހަކަށް ފަނޑިޔާރުކަމުގައި ލިބެން އޮންނަ ކުރިއެރުން ހޯދުމަށް ހުޅުވާލުމުން ކުރިމަތިލުމުގެ ފުރުސަތު ބަންދު ވެގެން ނުވާނެކަމަށެވެ.
ޤާޟީ އަށް ޕްރޮމޯޝަން ލިބުނީ ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވީމަތޯ؟ ނުވަތަ ހައިކޯޓަށް ފަނޑިޔާރުން ހޯދަންކުރި އިޢްލާނަށް ޖަވާބު ދެއްވާ ކުރިމަތި ލައްވައިގެން އޮންނަ އުޞޫލުތަކުގެ މަތިންތޯ؟ ރައީސް ޔާމީންގެ މައްސަލަ ބެއްލެވީތީ ކުރިމަތިލެއްވުމުގެ ފުރުޞަތު ގެއްލޭތޯ؟
– ޑރ.އިޔާޒު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމް އިސްތިއުނާފު ކޮށްފައިވަނިކޮށް ދަށު ކޯޓުން ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ އަދި ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެއީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައި ވެސް ބެލެވޭ ކަމަށް ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.
ކޯލިޝަނުން ތުހުމަތުކުރި ގޮތުގައި ޔާމީނަށް އެންމެ ފުރަތަމަ ހުކުމް ކުރެއްވި ގާޒީ އަލީ ރަޝީދަށް ވަނީ އެތައް މަންފާއަކާ އެކު ވަޒީފާގެ ކުރިއެރުން ދީފައެވެ. އޭނާ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކޮށްފައި ވަނީ ހުކުމަށް ފަހުގައި ކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
އަހްމަދު ޝަކީލް އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 23، 2003 ގައެވެ. އަހްމަދު ޝަކީލް އަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ޝަކީލް ނުވާރަ އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ. މިވަގުތު އަހްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.
ކޮމެންޓު ފޮނުވާ