ގާޒީ ޝަކީލަށް މަގާމުގެ ކުރިއެރުން ދިން މައްސަލަ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް

ގާޒީ ޝަކީލަށް މަގާމުގެ ކުރިއެރުން ދިން މައްސަލަ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމިން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި، ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމްގައި ހުންނެވި ގާސީ ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާ ރައްޔިތުންގެ މަޖިލިހުގެ ރައީސަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް ޔާމިނަށް ހުކުމް ކުރުމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް ހިމެނިފައިވާކަމަށް ބެލެވޭކަމަށެވެ.

އަދި އޭނާވަނީ، ޔާމިނަށް އެންމެ ފުރަތަމަ ހުކުމް ކުރެއްވި ބެންޗުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ސުޕްރިމް ކޯޓަށް އައްޔަން ކޮށްފައިވާއިރު، މިފަހަރުވެސް ހުކުމް ކުރި ގާޒީ ޝަކީލަށް މަގާމުގެ ކުރިއެރުން ދޭން ނިންމާފައިވާތީ، ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރާފައިވާކަމަށް ވަރަށް ބޮޑަށް ތުހުމަތު ކޮށްފައެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އެ ހުކުމް ކުރި އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ މަގާމަކަށް ކުރިއެރުން ދިނުމަކީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި، އެ މައްސަލައަށް ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ފޯރުވައި، ސަރުކާރު ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެއް ކަމުގައި ދެކެމެވެ.

މަޖިލިސް ރައީސަށް އެޑްރެސްކޮށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އަދި އާދަމް ޝަރީފް އެދިފައިވަނީ މިމައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލައި ދިނުމަށެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/195/2023/1 (14 ޖަނަވަރީ 2023) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ސިޔާމާމަންޒިލް، އއ. ފެރިދޫ، އަޙްމަދު ޝަކީލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 މާރިޗް 05 ދުވަހު ބޭއްވުނު ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައި ނިންމައިފައި ވާކަމުގައެވެ.

11 އަހަރަށް ޖަލަށް ލާފައިވާ، އިދިކޮޅި ޕީޕީއެމްގެ ރައީސް ޔާމިން ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވައިގެން އަހުމަދު ޝަކީލްއެވެ. ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ޔާމިނަށް 11 އަަހަރުގެ ޖަލުހުކުމް އިއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވުމާއެކު އިނދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވަނީ، އެމަގާމް ލިބޭނެކަމުގެ ޔަގީންކަން އޮވެގެން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *