އެޗްޕީއޭގެ ތަފާތު ކުރުންތަކަށް އަދުރޭގެ ސުވާލުތަކެއް!

އެޗްޕީއޭގެ ތަފާތު ކުރުންތަކަށް އަދުރޭގެ ސުވާލުތަކެއް!

Author
މުޙައްމަދު ޝަޒައިމް
27 ނޮވެމްބަރ 2020 10:45
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމުގައި އެކި މީހުންނަށް އެކި ގޮތަށް އަމަލުކުރާތީ އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲގެ ސުވާލުތަކެއް އެޗްޕީއޭއަށް ކުރިމަތިކޮށްފިއެވެ.

ފުރަބަންދު ކަރަންޓީނަށް ލުއިތަކެއް ދިނުމާމެދު ދެކެވޭ ވާހަކަތަކާގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭގައި ފުރަބަންދު ކަރަންޓީނުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ދުވަހަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ހުރި ވަޞީލަތްތަކާއި ކެޕޭސިޓީއަށް ބަލާނަމަ، ވަރަށް އެކަށީގެންވާ މުއްދަތެއްކަމަށެވެ.

އެޗްޕީއޭގެ މިންގަނޑުގެ ތެރެއިން އަތޮޅުތެރެއަށް މާލެއިން ކަރަންޓީނާއި ނުލައި ދެވެނީ ސަރުކާރުގެ އެކި ބޭނުންތަކާއި، ޒަރޫރީ ބޭނުންތަކަށް ދާމީހުންނަށާއި، އަދި އެޗްޕީއޭއިން ކަނޑައަޅާ ވަކި މިންގަނޑުތަކެއްގައި ހިމެނޭ މީހުންނަށް އެކަންޏެވެ. އެޗްޕީއޭގެ މި ގައިޑްލައިނަކީ އެކުލަވާލައި އާންމު ކުރިފަހުންވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ގައިޑްލައިނެކެވެ. ޚާއްސަކޮށް ސަރުކާރުގެ އިވެންޓުތައް ބޭއްވުމަށް ރަށްތަކަށް ޒިޔާރަތްކުރާ ބޭފުޅުން މުޅި ރަށު ތެރޭގައި އުޅުމާއި، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ ޚިލާފަށް އުޅޭ މައްސަލަޔަކީ އަބަދުވެސް ކުރަމުންދިޔަ ޝަކުވާއެކެވެ.

އެޗްޕީއޭގެ މިންމުނާއި ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއް ރަހީމް ވިދާޅުވީ ކޯވިޑް19 އަކީ ހަމައެނި އާންމު ރައްޔިތުންގެ ފަރާތުން ފެތުރޭ ބައްޔެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާކަމަށެވެ. ސަރުކާރުގެ ބޮޑެތި ވަފުދުތައް ރަށްރަތަށް ދަތުރުކުރިޔަސް ބަލި ފެތުރޭނެ އެއްވެސް ގޮތެއްނެތްކަމަށެވެ. އަދި އެޗްޕީއޭއިން ސަރުކާރުގެ މިފަދަ އިވެންޓުތަކާއި ދަތުރުތަކަށް ދެވޭ ހުއްދަތަކަކީ ކޯވިޑް ނުފެތުރޭނެ ހުއްދައަކަށް މިއަދު ވެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހެނީ ހަމަ އެކަނި ރަށްރަށަށް ދަަތުރު ކުރާ ޢާންމު ރައްޔިތުންގެ ފަރާތުންތޯ؟ ސަރުކާރުގެ ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ކޮވިޑް-19 ނުޖެހެނީތޯ؟ އެޗް.ޕީ.އޭއިން ހުއްދަ ދިނީމަ ކޮވިޑް-19 ކައިރި ނުވަނީތޯ؟ އެ ހުއްދަޔާ އެކު ރައްޔިތުންގެ ޙައްގުތަކަށް ވަނީ ކިހިނެއްތޯ؟

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރިއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ފެންވަރެއް ސިއްހީ ނިޒާމުތަކުގައި ނެތް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންވެ، އަތޮޅުތެރެ ކޮވިޑްއިން ރައްކާތެރިކުރުން ވަރަށް މުހިންމު ކަމަށް ޑރ.ނަޒްލާ ވަނީ ރޭގެ ޕްރެސްގައި ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.