ޔާމިނަށް ހުކުމްކުރި ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަން ކޮށްފި

ޔާމިނަށް ހުކުމްކުރި ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަން ކޮށްފި

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމިން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި، ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމްގައި ހުންނެވި ގާސީ ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/195/2023/1 (14 ޖަނަވަރީ 2023) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ސިޔާމާމަންޒިލް، އއ. ފެރިދޫ، އަޙްމަދު ޝަކީލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 މާރިޗް 05 ދުވަހު ބޭއްވުނު ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައި ނިންމައިފައި ވާކަމުގައެވެ.

ޖޭއެސްސީގެ އިއުލާންގައި ވާގޮތުން، 23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު ޝަކީލް އަކީ ވިލާކޮލެޖްއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އޭނާވަނީ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ. ހައިކޯޓަށް އައްޔަން ކުރެވުނުއިރު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ.

ޝަކީލް ހައި ކޯޓަށް އައްޔަން ކޮށްފައިވަނީ އާންމުކޮށް އިއުލާންކޮށްގެން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތީ 4 ބޭފުޅުންގެ އިންޓަވިއު ކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހިމެނޭގޮތުން 4 ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވިއެވެ. މިގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ 4 ބޭފުޅުންނަކީ:

1. އަޙްމަދު ޝަކީލް / ސިޔާމާމަންޒިލް، އއ.ފެރިދޫ

2. މުޙައްމަދު ޝަނީޒް ޢަބްދުﷲ/ ހަނދުވަރީނާޒް، ގދ.ގައްދޫ

3. ޙުސައިން ޝަކީބް / ހުޅުމާލެ، ދޮޅަސް، މާލެ

4. މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ

11 އަހަރަށް ޖަލަށް ލާފައިވާ، އިދިކޮޅި ޕީޕީއެމްގެ ރައީސް ޔާމިން ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވައިގެން އަހުމަދު ޝަކީލްއެވެ. ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ޔާމިނަށް 11 އަަހަރުގެ ޖަލުހުކުމް އިއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވުމާއެކު އިނދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވަނީ، އެމަގާމް ލިބޭނެކަމުގެ ޔަގީންކަން އޮވެގެން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *