ޔޫރަޕަ ލީގުގައި ރަޝިޔާގެ ސްޕާޓާ ޕްރާ އަތުން ބަލިވެ ސްކޮޓްލޭންޑްގެ ސެލްޓިކް މުބާރާތުން އަލްވަދާއު ކިޔައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ސްޕާޓާ އަތުން ސެލްޓިކް ބަލިވީ 4-1 ލަނޑުންނެވެ. މުބާރާތް ރީބްރޭންޑް ކުރި ފަހުން ރަށުން ބޭރުގައި ސެލްޓިކް ކުޅުނު 24 މެޗުގެ ތެރެއިން އެޓީމުން މޮޅުވެފަވަނީ އެންމެ ދެ މެޗުންނެވެ. މި ސީޒަންގައި ޔުރަޕާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ސެލްޓިކް ވަނީ ތިން މެޗުން ބަލިވެ އެއްމެޗު އެއްވަރުކޮއްފައެވެ. ރޭގެ މެޗުގައި ސްޕާޓާރ އަށް ދެލަނޑު ކާމިޔާބުކޮއްދިން ލޫކަސް ޖުލިސް ވަނީ މުބާރާތުގައި އެންމެފަހުން ކުޅުނު ދެމެޗުގައި ފަސްލަނޑު ޖަހާފައެވެ.
ރޭ މިގުރޫޕްގައި ފްރާންސްގެ ލިލް އާއި އޭސީ މިލާން ކުޅުނު މެޗު 1-1 އިން އެއްވަރުވެފައެވެ. ރޭގެ ނަތީޖާތައް ނުކުތްގޮތުން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ތިން ޓީމަށް ފުރުސަތު އެބައޮތެވެ. މިވަގުތު އެއްވަނައިގަ ލިލް 8 ޕޮއިންޓާއެކު އޮތްއިރު މިލާން ދެވަނައިގަ އޮތީ 7 ޕޮއިންޓާއެކުއެވެ. ސްޕާޓާ ތިންވަނައިގަ އޮތީ 6 ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ސެލްޓިކަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.
ރޭގަ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވިޔަރެއާލް އާއި މެކާބީ ތެލްއަވީވް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ޑައިނަމޯ ޒެގްރެބް އިން ވަނީ ވުލްފްބާގް މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ. ރޯމާ އާއި ކުލޫޖް ވާދަކުރި މެޗު ރޯމާ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ޕީއެސްވީ އިން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރި އިރު ގްރެނޭޑާއިން ވަނީ އޭސީ އޮމީނިޔާގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ.