މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސަކު ހޮވަން ދެން ބާއްވާ އިންތިޚާބުގައި ވާދަނުކުރައްވަން މިހާރުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ނިންމަވައިފިއެވެ.
މަމްދޫހު ވަނީ އޭނާގެ އެކްސްކޯގައި މަސައްކަތްކުރި މެމްބަރުންނަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް އެ އެސޯސިއޭޝަނުގައި ވާދަނުކުރަން ނިންމާފައިވާކަން ފޭސްބުކުގައި އިއުލާނުކުރައްވާފައެވެ. ބޮޑު ތާއީދަކާ އެކު އެމްބީއޭގެ ރައީސްކަމަށް މަމްދޫހު އިންތިހާބުވެވަޑައިގަތީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. އަންނަ މަހަށް މަމްދޫހުގެ ލީޑަޝިިޕްގެ ދައުރު ހަމަވާނެއެވެ. އެމްބީއޭއާ މަމްދޫހުގެ ލީޑަޝިޕުން ހަވާލުވި ފަހުން ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތަކެއް ބާއްވައިފަ އެވެ. އެ ގޮތުން 2017 ވަަނަ އަހަރު ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) މާލޭގައި ބޭއްވިއެވެ. އަދި މިދިޔަ އަހަރު ފީބާގެ ތުރީއޮންތުރީ ބާސްކެޓްބޯޅަ މުބާރާތުގެ އޭޝިއާ ކޮލިފިކޭޝަނުގެ މެޗުތައް ބޭއްވިއެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވިއެވެ. އޭރު އޭނާއަށް ރަސްމީ ހައިސިއްޔަތު ލިބިފައި ނުވާތީ އިސްތިއުފާ ގަބޫލު ނުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ފުރަތަމަ ބުނި ނަމަވެސް، ފަހުން ވަނީ އޭނާ އިސްތިއުފާ ދެއްވި ކަމަށް ނިންމައިފައެވެ. އަލުން ޑިސެމްބަރު މަހު ބޭއްވި އިންތިހާބު މަމްދޫހު ކާމިޔާބުކުރެއްވީ ވޯޓުލި 18 ކްލަބްގެ ތެރެއިން 17 ކްލަބްގެ ވޯޓު ހޯދައިގެންނެވެ.
މަމްދޫހްގެ ލީޑަޝިޕުގެ ކާމިޔާބީ އަށް ބަލާއިރު މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ލޯ މެޑަލް ހޯދުން ހިމެނެ އެވެ. މިއީ ބާސްކެޓް އަންހެން ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ލިބުނު ފުރަތަމަ މެޑަލް އެވެ. އެމްބީއޭ އިން އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާއެއް އަންނަ މަހު 12 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.