ރޮނާލްޑީނިއޯގެ ދަރިފުޅު ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް

ރޮނާލްޑީނިއޯގެ ދަރިފުޅު ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް

ބާސެލޯނާގެ ލެޖެންޑަރީ ތަރި، ރޮނާލްޑީނިއޯގެ ދަރިފުޅު، ޖޮއާއޯ މެންޑޭސް، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކޮށްފިއެވެ.

ފޯވާޑަކަށް ކުޅޭ، 18 އަހަރުގެ ޖޮއާއޯ މެންޑޭސް، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކުރިކަން އެ ކްލަބުން ރަސްމީކޮށް އިއުލާނުކުރިއިރު، ރޮނާލްޑީނިއޯ، ބާސެލޯނާ ދޫކޮށްލިތާ މި އަހަރަށް 15 އަހަރު ފުރޭނެއެވެ. މެންޑޭސް މީގެ ކުރިން ހުރީ ބްރެޒިލްގެ ދެވަނަ ޑިވިޝަން ކްލަބް ކްރުޒެއިރޯގަ އެވެ. އެޓީމު ދޫކޮށް މެންޑޭސް މިހާރު ބާސެލޯނާއާ ގުޅިފައިވާކަން އެ ކްލަބުން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ރޮނާލްޑީނިއޯ ވަނީ މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު 2005 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ރޮނާލްޑީނިއޯ ހޯދިއެވެ. އަދި، އޭގެކުރިން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގައި ރޮނާލްޑީނިއޯ މުހިއްމު ދައުރެއް އަދާކުރިއެވެ. 2015 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލުމަށް ފަހު 42 އަހަރުގެ ރޮނާލްޑީނިއޯ މިހާރު އަދާކުރަމުން އަންނަނީ ބާސެލޯނާގެ އެމްބަސަޑަރެއްގެ ދައުރެވެ.

ބާސެލޯނާގެ ޔޫތު ޓީމާ މެންޑޭސް ގުޅުނުއިރު، އެޓީމަކީ ކާމިޔާބު ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ޓީމެކެވެ. ބާސެލޯނާގެ ލަ މާސިއާ އިން ނުކުމެ ވިދާލި ކުޅުންތެރިންގެ ތެރޭގައި މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އާއި އެޓީމުގެ މިހާރު ކޯޗު ޒަވީ ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *