ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއެކު ވާދަކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ޕާޓީތަކާއިއެކު ކުރެވޭ މަޝްވަރާތަކުން ރަނގަޅު ނަތީޖާއަކާއި ހަމައަށް ދެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އޮތް ފޯމިއުލާއަކީ ކޯލިޝަނަކާ އެކީ ދިއުން ކަމަށާއި އެ ނޫން ގޮތަކަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ އިންތިހާބެއް ކާމިޔާބު ކުރުމަށް އޮތް ފޯމިއުލާއަކީ ކޯލިޝަނެއް ހަދައިގެން އިންތިހާބުގައި ވާދަކުރުން ކަމަށެވެ. އަދި އެ ނޫންގޮތެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ނުސީދާކޮށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މީގެކުރިން ކޯލިޝަން ހެދުމާއި ދެކޮޅު ހެއްދެވި ބޭފުޅުން މިހާރު އުޅުއްވަނީ އެކި ފަރާތްތަކާއެކު ކޯލީޝަން ހެދުމަށްކަމަށެވެ.
އަޅުގަނޑު ހިތުން މިކަމާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް އެ މަސައްކަތް ކުރަނީ ކޮންމެސް ބަޔަކާ އެކީ ކޯލިޝަން ހަދަން. އޭރަކު އެ މަންޒަރެއް ނުފެނޭ. އަޅުގަނޑު އެދުވަހު އެ ދެންނެވި ގޮތަށް އެ މަސައްކަތް ފަށައިގެން އަޅުގަނޑު ކުރިއަށް މިދަނީ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ކޯލިޝަންގައި މި ވަގުތު ތިބި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމާ ކޯލިޝަންގެ މަޝްވަރާ ކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ގަސްދު ކުރައްވާއިރު، މިހާރު ކޯލިޝަންގައި ތިބި ޕާޓީތަަކަށް ދައުވަތު ދީގެން އެ ޕާޓީތައް ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މީގެން ކޯލިޝަން މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ވަރަށް އަވަހަށް ފެނިގެން ދާނެ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިއަދު ވެސް އެބައޮތް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓިއަކީ މިސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު އެޕާޓިގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެޕާޓީ ޤައުމީ މަޖިލީހުން ވަނީ ދީފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯލިޝަން ހެދުމަށް ސަރުކާރުގެ ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖުމްހޫރީ ޕާޓީ އާ ބައެއް އެހެން ޕާޓީތަކަށް ދަޢުވަތު ދެއްވާފައެވެ.
މިއާއިއެކު މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައި މަޝްވަރާވެސް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ޤާސިިމް ވަނީ މީޑިއާއާއި ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލަށް ޤާސިމް ވަޑައެއްނުގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ ސިޔާސީ ވާހަކަ ދެއްކެވިކަމަށެވެ. ނަމަވެސް ކޯލިޝަން ހެދުމާއި، ރިޔާސީ އިންތިޚާބުގައި ޤާސިމް ނުވަތަ ޖުމްހޫރީ ޕާޓީން ނިންމާނެ ގޮތަކާއި ގުޅޭގޮތުން ޤާސިމް ވާހަކަ ނުދައްކަވައެވެ.
ޤާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓެއް ނެރުމަށް ނުވަތަ އެޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޤަރާރެއް ޤައުމީ ކޮންފަރެންސުން ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެ ޤަރާރާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުންކަމަށް ޤާސިމް ވިދާޅުވިއެވެ. ކޯލިޝަން ހަދަން އެއްވެސް ޕާޓީއަކާއެކު މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޢަދާލަތު ޕާޓީއާއި، އެމްޑީއޭ ނިންމާ އެ ދެޕާޓީން އެކަން ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ