ދިވެހިރާއްޖޭގައި އިންޑިޔާގެ އަސްކަރީބާރުވެރިކަމެއް އޮތުމަކަށް، އަދި އެހެން ޤައުމެއްގެ އަސްކަރީ ބާރުވެރިކަމެއް އޮތުމަކަށް އެމް.އެން.ޕީގެ ރުހުމެއް ނެތް ކަމަށް އެޕާޓީގެ ރައީސް މުޙަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ "ނާޒިމް ބުނަނީ ކީކޭ؟" ނަމުގައި ރޭ އެމް.އެން.ޕީ. އިން ބޭއްވި ކްލަބް ހައުސް އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ މިއަދުގެ މައްސަލައަކީ، ހަމައެކަނި ބޭރުގެ ސިފައިން ގެ މައްސަލަ ނޫންކަމާއި ރާއްޖެގެ އެންމެ ބޮޑު މައްސަލައަކީ ޚާރިޖީ ސިޔާސަތުގައި އަމިއްލަ ބާރުވެރިކަން ނެތުންކަމުގައި ނާޒިމް ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ ހުރިހާ ނިންމުންތަކާއި މުދާވެސް ވަކި އެއްޤައުމެއްގެ ނުފޫޒުގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމަށާއި، ދައުލަތުގެ ބޮޑެތި ސްޓެރެޓެޖިކް އިންވެސްޓްމަންޓްތަކާއި، ލޮކޭޝަން ތަކާއި ދިފާޢީ ބާރުތަކުގެ މުހިންމު ތަންތަނާއި އިންވެސްޓްމަންޓްތައް ވެސް ހަމަ އެއް ޤައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލާފައިވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު ދުނިޔޭގެ މަސްރަޙުގައްޔާއި މި ސަރަޙައްދުގައި މިހާރު ހިނގަމުންދާ ޖިއޮ ޕޮލިޓިކްސް ގެ ހަނގުރާމައިގައި ދިވެހިރާއްޖެއިން ފާޅުގައި ކޮޅެއްނަގައި، މި ހަނގުރާމައިގައި ރައްޖޭގެ ނަގާފައިވާ ކޮޅުގައި ތިބި ޤައުމުތައް ނޫން ޤައުމުތަކާއި ދުރުވެ، އޭގެ ތެރޭގައި ޢަރަބި އިސްލާމީ ޤައުމުތަކާވެސް ދުރުވެފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އޮތް އެންމެބޮޑު ނުރައްކާތެރިކަމަކީ އެއީ ކަމުގައި ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް މިއީ އެފޯޑް ކުރެވޭނޭ ކަމެއްނޫން ކަމަށާއި، މިއީ އަޞްލު ނުރައްކާ އަދި ބިރުވެރިކަމެއް ކަމުގައި ފާހަގަކުރައްވައި ނާޒިމް މިސާލު ޖެއްސެވީ ހަނިމާދޫ އާއި އައްޑުއަތޮޅު ގަމުގެ އެއަރޕޯޓްގެ ވާހަކަައިންނެވެ. އެ 2 އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް ބަލާލާއިރު، އެކި ޤައުމުތަކުން އިޤްތިޞާދީ ނުފޫޒު ހިންގުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އިންޑިޔާގެ ކުންފުނިތަކެއްގެ އަތްދަށުގައި މި ދެ ސަރަޙައްދުއޮތުމަކީ ވިސްނާލަންޖެހޭކަމެއްކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ