ޔުނިވަރސިޓީގެ އެޑްމިން މުވައްޒިފުންގެ މުސާއަށް ހެޔޮބަދަލެއް އައުންވެސް މުހިންމު ކަމުގައި ދީނީ އިލްމުރިޔާ އަދި ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ މަތީތަޢުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއިއެކު، ލެކްޗަރައިންނަށް ދެވޭ މުސާރަ ގާތްގަޑަކަށް %59 އިންސައްތަ ބޮޑުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ޝައިޚު ޒައިދު ވިދާޅުވީ ލެކްޗަރާއިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައި ގޮތަށް ޔުނިވާސިޓީގައި މަސައްކަތް ކުރާ މުވައްޒިފުންނާއި، އެޑްމިން ސްޓާފުންގެ މުސާއަށްވެސް ހެޔޮ ބަދަލެއް އައުމަކީ މުހިންމު ކަމެއްކަމަށެވެ.
ޔުނިވަރސިޓީގެ ލެކްޗަރާއިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވީތީ އެކަމާ އުފާކުރާޙާލު، އެކަމަށް މަސައްކަތްކޮށްދެއްވި އެންމެ ބޭފުޅުންނަށް ޝުކުރު އަދާކުރަން! ހަމަ މިއާއެކު އެޑްމިން ސްޓާފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަވަހަށް އަންނާނެ ކަމުގެ އުންމީދުގައި ތިބިން!
– ޒައިދު ވިދާޅުވިއެވެ.
ހިރިލަންދޫގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރައަކަށް ކުރިން ލިބުނު މުސާރައަކީ 18880 ރުފިޔާ ކަމަށާއި، މިގެނައި ބަދަލާއި އެކު މިހާރު ޔުނިވަރސިޓީގެ ލެކްޗަރަރ އަކަށް އިތުރު ވަގުތާއި ނުލައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29900 ރުފިޔާ ލިބޭނެކަމަށެވެ. އަދި ސީނިއަރ ލެކްޗަރައިންގެ މުސާރައަކީ މިހާރު 20830 ރުފިޔާ ކަމަށާއި އެހެން ނަމަވެސް މިގެނެވުނު ބަދަލާއިއެކު ސީނިއަރ ލެކްޗަރަރ އަކަށް އިތުރުގަޑީގެ ފައިސާ އާއި ނުލައި 34000 ރުފިޔާ ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ 23500ރ އިން 39400ރއަށް ބޮޑުވާނެ ކަމަށާއި، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000ރ އިން 45000ރ އަށް ބޮޑުވާނެ ކަމަށާއި، އަދި ޑީންގެ މުސާރަ 30000ރ އިން 38000ރ އަށް ބޮޑުވާނެ ކަމަށާއި ރެޖިސްޓްރާއިންގެ މުސާރަ 32000ރ އިން 42000ރއަށް ބޮޑުވެގެންދާނެ ކަމަށާއި، ޑެޕިއުޓީ ވައިސްޗާންސެލަރ ގެ މުސާރަ 39000ރ އިން 48000ރ އަށް ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ، ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންނަށް މިހާރު ލިބޭ 14700 ރުފިޔާގެ ބަދަލުގައި 26000 ރުފިޔާއަށް މުސާރަ ބަދަލުވެގެންދާނެ ކަމަށާއި އަދި ލެކްޗަރަރއެއްގެ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށް، ސީނިއަރ ލެކްޗަރަރއެއްގެ މުސާރަ، 17000 ރުފިޔާއިން 34000 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުސާރައިގެ މިބަދަލު 767 މުވައްޒަފަކަށް އަންނާނެ ކަމަށާއި އަހަރަކު 62 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރެވޭނެ ކަމަށެވެ. އަދި މިގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ ޔުނިވަރސިޓީތަކުންނާއި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކުން ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ