ފަލަސްތީނުގެ ވިލެޖެއް އެކީ ނެތިކޮށްލުމަށް އިސްރާއީލުގެ މިނިސްޓަރަކު ގޮވާލުމުން އެމެރިކާއިން ފާޑު ކިޔައިފި

ފަލަސްތީނުގެ ވިލެޖެއް އެކީ ނެތިކޮށްލުމަށް އިސްރާއީލުގެ މިނިސްޓަރަކު ގޮވާލުމުން އެމެރިކާއިން ފާޑު ކިޔައިފި

ފަލަސްތީނުގެ ވިލެޖެއްކަމުގައިވާ ހުވާރާ ވިލެޖް އެކީ ނެތިކޮށްލުމަށް އިސްރާއީލުގެ ފިނޭންސް މިނިސްޓަރ ގޮވާލުމާއި ގުޅިގެން، އެއީ "ޒިންމާދާރުކަން ކުޑަ އަދި ދަށުދަރަޖައިގެ ވާހަކައެއް" ކަމަށް ބުނެ އެމެރިކާއިން އޭނާއަށް ވަރަށްބޮޑަށް ފާޑިކިޔައިފިއެވެ.

ޕްރެސް ބްރީފިން އެއްގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ، އިސްރާއީލގެ ފިނޭންސް މިނިސްޓަރު ބެޒްލާލް ސްމޯޓްރިޗްގެ ވާހަކަތަކުން، "ހަމަ ނުޖެހުމަށް ހިތްވަރު ދޭ" ކަމުގައެވެ.

ސްމޯޓްރިޗްގެ ބުނެފައިވަނީ ފަލަސްތީނުގެ ހުވާރާ ވިލެޖަކީ އެކީ ނެތިކޮށްލަން ޖެހިފައިވާ ވިލެޖެއް ކަމުގައެވެ. "އަހަރެން ދެކޭ ގޮތުގައި، މިއީ އިސްރާއީލުން ކުރާންޖެހިފައިވާ މަސައްކަތެއް،" ޓީވީގައި ވާހަކަ ދައްކަމުން އެނާ ބުނެފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާ ޕްރައިސްވަނީ ސްމޯޓްރިޗްގެ ވާހަކަތައް ކުށްވެރިކުރުމަށް އިިސްރާއީލުގެ ބޮޑުވަޒީރު ބެނޖަމިން ނަތަންޔާހޫގެ އިތުރުން އިސްރާއީލިގެ ސަރުކާރުގެ އެހެން އޮފިޝަލުންނަށްވެސް ގޮވާލައްވާފައެވެ.

"ފަލަސްތީނުގެ ރައްޔިތުން އުފައްދާ ހަމަނުޖެހުން ކުށްވެރި ކުރާ ފަދައިން، ހަމަނުޖެހުމަށް ހިތްވަރުދީ ދައްކާ މިފަދަ ވާހަކަތައްވެސް އަހަރެމެން ކުށްވެރި ކުރަން،" އޭނާ ވިދާޅުވިއެވެ.

އިސްރާއިލުގެ ފިނޭންސް މިނިސްޓަރ ސްމޯޓްރިޗްއާއި އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓްމާރު ބެން-ގްވިރްއަކީ، އެމީހުން ގެންގުޅޭ ކަނާތު ފިޔައިގެ ހައްދުފަހަނަ އަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން، ބައިޑްގެ ސަރުކާރާ ވަރަށް ޚިޔާލު ތަފާތު ދެ ވަޒީރުންނެވެ.

އެމީހުންނާއި ބައިޑްންގެ ސަރުކާރާ ޚިޔާލު ތަފާތު މައްސަލަތަކުގެ ތެރޭގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން އާބާދީތައް ފުޅާކުރަމުންދާ މައްސަލަވެސް ހިމެނެއެވެ.

އެމެރިކާގެ ސަރުކާރުން ވަނީ ސިއްރިޔާތުގަވެސް އަދި ފާޅުގަވެސް، އިސްރާއީލުގެ ތާރީޚުގައިވެސް އެގައުމުގެ ވެރިކަމަށް އައި އެންމެ ހަށުކަށި ސަރުކާރު ކަމުގައިވާ، ނަތަންޔާހޫގެ ސަރުކާރުގެ ކިބައިން، ހިފާފައިވާ ބިންތަކުގައި އާބާދީތައް ފުޅާ ނުކުރުމަށް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *