ފޭކު ޓީޓީ ދައްކައިގެން އެތެރެކުރީ ތިން މިލިއަން ރުފިޔާގެ މޭވާއާއި ތަރުކާރީ

ފޭކު ޓީޓީ ދައްކައިގެން އެތެރެކުރީ ތިން މިލިއަން ރުފިޔާގެ މޭވާއާއި ތަރުކާރީ

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2023 11:04
0

ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހިމެނިފައިވާ ހުސައިން ޝިފާއު ކަމަށާއި އޭނާ މިފަހަރު ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކޮށްފައިވާ މީހެއް ކަމަށްވާ ޝިފާއު މި މަހުގެ 28 ވަނަ ދުވަހު ހީލަތުގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔައިރު ފުލުހުން ވަނީ މައްސަލައިގެ ބައެއް ތަފްސީލް ހާމަކޮށްފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތެއް ދިނެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޮޅުވާލައިގެން ރާއްޖެ އެތެރެކޮށް ވިއްކަމުން ގޮސްފައިވަނީ މޭވާއާއި ތަރުކާރީއެވެ. އެ މައްސަލާގައި ހިމެނޭ ތަކެތީގެ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ނަމަވެސް އޭނާ ފޮނުވި ޓީޓީތަކުގައި ބޭނުންކޮށްފައިވަނީ އަމިއްލަ ނަމާއި އޭނާ ކުރާ ވިޔަފާރިއަށް ނިސްބަތްވާ ނަމެވެ. އަދި ބޭރުގެ ވިޔަފާރިވެރިންނާ އޭނާ މުއާމަލާތް ވެސް ކޮށްފައި ވަނީ އަމިއްލަ ނަމާއި އަމިއްލަ މޯބައިލް ފޯނު ނަންބަރެވެ. ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފޯޖަރީގެ މައްސަލާގައި ވެސް އިތުރު ބަޔަކު ޝާމިލްވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.