ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާތަކެއް ކުރުމަށް ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ޤާސިމް ވަނީ ރައީސް އޮފީހަށް، ރައީސް އޮފީހުގެ މިނިސްޓަރ ސަމީރާއިއެކު ވަޑައިގެންފައެވެ. ޤާސިމްގެ މިބައްދަލުވުމާއި ގުޅޭ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް މިއީ ރިޔާސީ އިންތިޚާބުގެ މަޝްވަރާތަކެއް ކުރެއްވުމަށް ރައީސް ޞާލިހާއި ބައްދަލު ކުރެއްވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް ރައީސާއި ބައްވަލު ކުރައްވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ ޤަރާރު އެޕާޓީގެ ކޮންގްރެސް އިން ވަނީ ފާސްކޮށްފައެވެ.
މި ޤަރާރުގައި ވަނީ މިއީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ޤާއިމްކޮށް ރައްޔިތުންނަށް ޚިދުމަތްކުރަން އެންމެ ފަހި ފުރުޞަތުކަމަށް ވިދާޅުވެފައެވެ. ރައްޔިތުން މާލީގޮތުން ބާރުވެރިކޮށް، މިނިވަން އިޤްތިޞާދެއް އަދި އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރުމަށް ޖުމްހޫރީ ޕާޓީން އިންތިޚާބުގައި ވާދަކުރަން ނުވަތަ އެޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން އިންތިޚާބުގައި ވާދަކުރުމަށް އެ ޤަރާރުގައި ގޮވާލާފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރިނަމަވެސް، މިއީ އެޕާޓީގެ ކައުންސިލަށް ދިން ލަފައެކެވެ. އެކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދާނީ އެޕާޓީގެ ކައުންސިލުންނެވެ.
ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްވެސްމެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އިންތިޚާބުގައި ވާދަކުރަން ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށްވެސް ދެއްވާފައެވެ. މީގެ އިތުރުން ޢަދާލަތު ޕާޓީއާއި، އެމްއާރުއެމާއި އެމްޑީއޭއަށްވެސް ރައީސުލްޖުމްހޫރިއްޔާ އެ ދަޢުވަތު ދެއްވިއެވެ. މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭއިންނެވެ.