ޑރ.އިޔާޒް ޤާސިމަށް: އެއުޅުއްވާ ޓްރާންސިޓް ދަތުރުވެރިންނާ މެދު ސަމާލުވެލައްވާ!

ޑރ.އިޔާޒް ޤާސިމަށް: އެއުޅުއްވާ ޓްރާންސިޓް ދަތުރުވެރިންނާ މެދު ސަމާލުވެލައްވާ!

Author
ޢަލީ އާދަމް
28 ފެބްރުއަރީ 2023 11:02
0

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މިހާރު މަސައްކަތްކުރާ މީހުންނަކީ އިޚްލާސްތެރިކަމެއް އޮތް ބައެއް ނޫންކަމަށާ އެއީ "ޓްނާންސިޓް ދަތުރުވެރިން"ތަކެއްގެ ގޮތުގައި ސިފަކުރައްވައި އެމީހުންގެ ކިބައިން ސަލާމަތްވުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޤާސިމް އިބްރާހީމަށް ގޮވާލައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ވަކިން ކުރިމަތިލާން ފެންނަކަމަށް އެންމެފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންގްރެސްގައި ވަނީ ޤަރާރެއް ފާސްކޮށްފައެވެ. މިޤަރާރު ފާސްވުމާއެކު އެނިންމުން ބަދަލުކޮށް ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް ބާރުއަޅައި އެންމެބޮޑަށް ޤާސިމަށް ނަޞޭހަތްތެރިވާ ބޭފުޅަކީ ޑރ.އިޔާޒެވެ. އޭނާ ނިސްބަތްވަނީ ޢަދާލަތު ޕާޓީއަށެވެ. އަންނަ ރިޔާސީ އިންތިޚާބަށް ރައީސް ޞާޙާއެކު ކޯލިޝަން ހަދަން އެންމެ ފުރަތަމަ ނިންމީ ޢަދާލަތު ޕާޓީންނެވެ.

ޤާސިމަށް ނަޞޭޙަތްދެއްވައި ޑރ.އިޔާޒް އެންމެފަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ނިޢްމަތާއި ބާރަކީ އިންސާނާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން ﷲ ދެއްވާ އެއްޗެއްކަމަށެވެ. ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ﷲ އިތުރުކޮށްދެއްވާކަމަށެވެ. ނޫންނަމަ އަނބުރާ ގެންދަވާކަމަށާ، ހެޔޮހިތުން ޤާސިމަށް އަރުވާ ނަޞޭޙަތް ޤަބޫލުކުރެއްވުމަށް އެދޭކަމަށެވެ. އަދި މިއަދު ޤާސިމަށް ހެޔޮއެދޭކަމަށް ހެދިގެން އެއުޅޭ މީހުން އުޅެނީ ޤާސިމް ހަލާކުކުރަންކަމުގައި ޑރ.އިޔާޒް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޤާސިމަށް ލަފާދެއްވާ ބޭފުޅުންނަށް އިޝާރާތްކުރައްވައި ޑރ.އިޔާޒް ވިދާޅުވީ، އެއުޅުއްވާ ޓްރާންސިޓް ދަތުރުވެރިންނާއި މެދު ސަމާލުވެލައްވަން ޤާސިމްގެ އަރިހުން އެދޭކަމަށެވެ. ޖޭޕީއަކީ އެހެން ޕާޓީތަކުން ފެއިލްވެ، ގޮތްހުސްވެގެން، ގޮތެއް ފެންނަންދެން މަޑުކޮށްލަން އަންނަމީހުންގެ ޓްރާންސިޓް ބަނދަރަކަށް ނުހެއްދެވުމަށާއި ޑިމޮކްރަސީގެ ބައްޕަޔޭ، ރާއްޖޭގެ މަންޑޭލާ އޭ ކިޔައިގެން އުޅުއްވާ ބޭފުޅާ އެމަނިކްފާނުގެ ޕާޓީގެ ޕްރައިމަރީ އިން ފެއިލްވީމާ، މޮޅުވި ކެނޑިޑޭޓު ފަހަތަށް އެރުމުގެ ބަދަލުގައި މަނިކްފާނު ގާތަށްގޮސް އެހުރީ ރަގަޅު ނިޔަތަކު ނޫންކަން ސަބަބުވެރި ކޮންމެ އިންސާނަކަށްވެސް އެނގޭނެކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

މޫމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރު ކަށި ނުޖަހާނެ ކަމަށް އޮންނަކަމަށާ، 2008ގައި ވެރިކަން ލިބިވަޑައިގަތީމާ ޤާސިމަށް ދިން އަނިޔާއާއި އަދި 2012ގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު މުޅި ޤައުމުގައި ހުޅުޖަހާ ނާމާން ބިރުވެރި ކަންތައްގަނޑެއް ހިންގެވި ބޭފުޅަކު ހެޔޮލަފައެއް ދެއްވަފާނެކަމަށް ނުވިސްނެވުމަށްވެސް ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ޑރ.އިޔާޒް ވިދާޅުވިއެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން ވިސްނެވުމަށް ޤާސިމަށް ނަޞޭޙަތްދެއްވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.