ކޯވިޑް-19ގެ އެންމެ ގޯސް ޙާލަތާ ދިމާކޮށް ރާއްޖެއިން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ހުށަހަޅައިފިއެވެ.
އެޓަރނި ޖެނެރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓަރސްއިން ޚިލާފުވެފައިވާތީ އެމައްސަލަ ސަރުކާރުގެ ފަރާތުން މިމަހުގެ 16 ވަނަ ދުވަހު މޯލްޑިވްސް އިންޓަރނޭޝަނަލް އަރބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.
ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާ ފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތްވަނީ ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ.
އަރބިޓްރޭޝަންގައި ދައުލަތުން އެދުނީ އެގްޒެކިއުޓަރސްއިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32،574،750 (ބައްތިރީސް މިލިއަން ފަސް ލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަންސާސް ) ދިވެހި ރުފިޔާއަށްވާ 2،112،500 ( ދެމިލިއަން އެއްލައްކަ ބާރަހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު ހޯދުމަށެވެ. މީގެ އިތުރުން އިންޓްރެސްޓާއި އަރބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށްވެސް އެދިފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައެވެ.
މިމައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމަށްވެސް އެޓަރނީ ޖެނެރަލްޖެ އޮފީހުން ހާމަކުރައްވައެވެ.
ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ކަންތައްތަކާ ގުޅިގެން ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ