އަލްމޭރިއާ އިން ވަރުގަދަ ބާސެލޯނާ ބަލިކޮށްފި

އަލްމޭރިއާ އިން ވަރުގަދަ ބާސެލޯނާ ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2023 08:12
0

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުުޅުނު މެޗުން އަލްމޭރިއާ އަތުން 1-0 އިން ބަލިވެ، ލީގުގެ ރޭހުގައި ފައިދާނަގަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.

މިއީ އަލްމޭރިއާ އިން ބާސެލޯނާގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އަލްމޭރިއާ އިން ރޭގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ މެޗުގެ 24 ވަނަ މިނިޓްގައި އަލް ބިލާލް ޓޫރޭއެވެ. ބާސެލޯނާ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، ޓޫރޭ އޭރިއާތެރެއިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ. ފުރަތަމަ ހާފުގައި، ލީޑުފުޅާކުރަން އަލްމޭރިއާ އިން ކޯނަރުތަކުގައި ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއްނުވިއެވެ.

އަލްމޭރިއާ އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލަކަށް ކުޅެން އެރި، އަދްރީ އެމްބާބާ އަށެވެ. ހުސްކޮށް އޭރިއާތެެރެއަށް ވަދެ، އެމްބާބާ ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ މަތަކޮށްފައެވެ. ލީގުގެ މެޗުތަކުގައި ބަލިނުވެ 13 މެޗު ހަމަކުރުމަށް ފަހު، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ބާސެލޯނާ މި ވަނީ ލީގުގައި ބަލިވެފައެެވެ.

ބާސެލޯނާ ބަލިކުރި އަލްމޭރިއާ އޮތީ 23 މެޗުން 25 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ. ސްޕެނިޝް ލީގުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނަގަން ފުރުސަތު އޮތް ބާސެލޯނާ ބަލިވުމުން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކުއެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 23 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.