ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި ފުލުހުން ބޭނުން ކުރަން ފަށައިފި

ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި ފުލުހުން ބޭނުން ކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2023 06:31
0

ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި ފުލުހުން ބޭނުން ކުރަން ފަށައިފިއެވެ.

ޓޭޒަ ގަން ބޭނުންކުރާނީ ހަމައެކަނި ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކުށްވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެގޮތުން ޓޭޒާ ގަން ބޭނުންކުރާ ފުލުހުން ފަސް ދުވަހުގެ ތަމްރީނެއް ހަދަންޖެހެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޭޒާ ބަޑި ބޭނުން ކުރަން މިއަދު ފަށާފައިވާ ކަމަށާއި، އެ ބަޑި ބޭނުންކުރާނީ ސާޖެންޓު އަދި އެއަށް ވުރެ މަތީ ރޭންކުތަކުގައި އެކަމަށް ހާއްސަ ތަމްރީނު ދީފައިވާ ފުލުހުން ކަމަށެވެ. އެ ތަމްރީނުތައް ފުރިހަމަ ނުކުރާ ފުލުހުންނަށް ޓޭޒާ ބަޑި ހަވާލު ނުކުރާނެ އެވެ. ޓޭޒާ ބަޑި ބޭނުންކުރުމަށް ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ.

ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފެށީ 25 ޓޭޒާ ގަން އާއި އެކުއެވެ. ގަން ބޭނުންކުރުމާ ގުޅޭ އުސޫލުތަކެއް ވެސް ކުރިން ހަމަޖައްސާފައިވެއެވެެ.

ފުލުހުން ބުނި ގޮތުގައި ޓޭޒާ ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއްގައި އެކަން ކުރާނީ ހަތަރު ފޫޓަށްވުރެ ދުރުމިނަކުންނެވެ. އެ ބަޑީގެ ރޭންޖު 25 ފޫޓާ ހަމައަށް ހުންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޓޭޒާ ކުރުމާއެކު އަމާޒުވާ މީހާގެ ހަރަކާތްތައް ފަސް ސިކުންތައް ހުއްޓާލެވޭނެ އެވެ. ފުލުހުން މީގެކުރިން ބުނީ ޓޭޒާ ބޭނުންކުރުމަށްފަހު ފަރުވާ ދޭންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ކުރެވޭނެ ވަރަށް ފުލުހުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

ޓޭޒާ ގަން ބޭން ކުރާ ކޮންމެ ޕޮލިސް އޮފިސަރެއްގެވެސް ޔުނިފޯމްގައި ބޮޑީވޯން ކެމެރާ ހުންނާނީ ހަރުކޮށްފައެވެ. އެއްވެސް ހާލަތެއްގައި ޓޭޒާގަން ބޭނުންކުރާނަމަ، ބޮޑީވޯން ކެމެރާއަށް އެސަރަހައްދުގައި ހިނގާ ހުރިހާކަމެއް ރެކޯޑު ކުރެވިގެންދާނެއެވެ. އަދި އެސަރަހައްދާއި، ފުލުހުން އެސީންގައި އަމަލުކުރާނެ ގޮތްވެސް ރެކޯޑު ކުރެވެމުންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.