މަޖިލިސް މެންބަރެއްގެ ދަރިއަކަށްވުމަކީ އަދަބަށް ފިލަން ދޫކޮށް ލެވިގެންވާނެ ކަމެއްނޫން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ މެންބަރު ފަލާހްގެ ދަރިފުޅު އަހްމަދު ތޮއިބާން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ނަމަވެސް އޭނާގެ ބަންދަށް އެންމެ ތިން ދުވަސް ޖެހުމާއި، އަދި ތިން ދުވަހަށް ފަހު ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލުމުން ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ޝައިޚު ޒައިދު ވިދާޅުވީ ޤާނޫނާއި ޚިލާފަށް ކޮންމެ މީހަކު ކުށެއް ކުރި ކަމުގައި ވީނަމަވެސް އެމީހަކަށް ހައްގު އަދަދު ލިބެންޖެހޭ ކަމަށެވެ. އެއީ މަޖިލިސް މެމްބަރެއްގެ ދަރިއަކަށް އެހެން މީހަކަށް އެކަން އޮންނަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
މަޖިލިސް މެންބަރެއްގެ ދަރިއަކަށްވުމަކީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ މުޢާމަލާތްތަކުގައި ޝާމިލްވެފައިވެފައި އޮއްވައި، އަދަބަށް ފިލަން ދޫކޮށް ލެވިގެންވާނެ ކަމެއްނޫން! އިޖުތިމާޢީ ޢަދުލުވެރިކަން ވަރަށް މުހިންމު! ބޮޑު މީހާ ކުރިޔަސް، ކުޑަމީހާ ކުރިޔަސް ކުށްވާންވާނީ ކުށަށް! ރަނގަޅު ރަނގަޅަށް!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ބައްދަލުކުރެއްވިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް ވަނީ މިއަދު އެއްބަސްވެފައެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހް އާއި ބައްދަލު ކުރިންތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ފަލާހް އާއި ބައްދަލު ކުރިން ކަމަށާއި އެކަން ކުރީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.
ޝަމީމް ވިދާޅުވީ އެއްވެސް ފަރާތަކުން އޭނާ އާއި ބައްދަލު ކުރަން ބޭނުންވެއްޖެނަމަ އެކަމަށް ހާއްސަކޮށްފައި އޮންނަ ފޯމް ހުށަހެޅުމުން ބައްދަލު ކުރައްވާ ކަމަށެވެ. އެ ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އެ ފޯމުގައި ލިޔެފައި ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.