ވެންޓިލޭޓަރު މައްސަލައަށް މި ހަފްތާގައި ގޮތެއް ނިންމަނީ

ވެންޓިލޭޓަރު މައްސަލައަށް މި ހަފްތާގައި ގޮތެއް ނިންމަނީ

ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަނެ ސަޕްލައި ކުރުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރި ފައިސާ އަށް ފަހު ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައާއި މެދު މި ހަފްތާގައި ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އެ މައްސަލަ ޕީޖީ އޮފީހުގައި އެބައޮތް ކަމަށާއި އެ މައްސަލަ އޮތީވެސް ލަސްވެފައި ކަމަށެވެ. ނަމަވެސް މި ހަފުތާގައި އެ މައްސަލައާމެދު ގޮތެއް ނިންމަވާނެކަމަށް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކުރުން އެކި ސަބަބުތަކާހެދި އޮތީ ލަސްވެފައެވެ. ކުރީގެ ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީ އޮފީހަށް ފޮނުވިނަމަވެސް ހެކި ނެތުމުން އޭރު ޕީޖީން ނިންމީ އެ މައްސަލާގައި ދައުވާ ނުކުރުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މި މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ ޑިސެމްބަރު 20ގައި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްއެވެ.

މި ތިން ބޭފުޅުންގެ މައްޗަށްވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރުމަށް އެދިފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތްވެސް ވަނީ ފަށާފައެވެ. ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ، ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު ވަނީ އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ.

މިހާތަނަށް އައިއިރުވެސް މި ފައިސާއަށް ވާވަރަށް ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ. އެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އެއީ މި އެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓުކަމަށް ދުބާއީ ކުންފުނިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *