އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި އޮތް އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ކާމިޔާބުކޮށް އެއްވައިނާގައި އޮތް އާސެނަލްގެ ފަތުގައި ވިއްދާލައިފިއެވެ.
ސިޓީން ވަނީ ބޯންމައުތު ދަނޑުގައި 4-1 އިން މޮޅުވެފައެވެ. ސިޓީ ރޭގެ މެޗަށް ނުކުތްއިރު، އާސެނަލުން އޮތީ ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފައެވެ. ބޯންމައުތު ކޮޅަށް ސިޓީން މޮޅުވީ މެޗު ޑޮމިނޭޓް ކޮށްގެންނެވެ. ސިޓީ އަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒްއެވެ. ފިލް ފޯޑެން ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް ސިޓީ އަށް ލީޑުފުޅާކޮށްދިންއިރު، މިއީ ހާލަންޑް، މި ފަހަރު ލީގުގައި ސިޓީ އަށް ޖަހައިދިން 27 ވަަނަ ގޯލެވެ. މިއާ އެކު ހާލަންޑް ވަނީ ސިޓީ އަށް އެއް ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން ސާޖިއޯ އަގުއޭރޯ ހަދާފައި އޮތް ރެކޯޑް މުގުރާލައިފައެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން ސިޓީން ތިން ވަނަ ގޯލު ޖެހިއެވެ. މިއީ ބޯންމައުތުގެ ފިލް ބިލިން ފަަހަތަށް ދިން ބޯޅައެއް ހޯދައި ފޯޑެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސިޓީން ހަތަރު ވަނަ ގޯލު ޖެހިއެވެ. މި ލަނޑަކީ ބޯންމައުުތުގެ ކްރިސް މެޕަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީިގެ އަލްވަރޭޒް ފޮނުވާލި ވޮލީ ގޯލަށް ވަނީ މެޕަމް ގައިގައި ޖެހިފައެވެ. މެޗު ނިމުމުގެ ކުރިން ބޯންމައުތުގެ ހަމައެކަނި ގޯލު ޖެހީ ޖެފާސަން ލޭމާއެވެ.
އާސެނަލުން ވަނީ ރަށުންބޭރުގައި ރޭ 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްގެ ލެއާންޑްރޯ ޓްރޮސާޑް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމައިފައެވެ.
އެކަމަކު، ދެ ވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ، ޓްރޮސާޑް ދިން ބޯޅައަކުން ގަބްރިއެލް މާޓީނޭލީ ވަނީ އާސެނަލަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދީފައެވެ. މިއީ މި ފަހަރު ލީގުގައި މާޓިނޭލީގެ ނުވަ ވަނަ ގޯލެވެ.
އާސެނަލް އެއް ވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފައެވެ.
ކޮމެންޓު ފޮނުވާ