ތުރުކީގެ މެދުތެރޭ ސަރަހައްދެއް ކަމަށްވާ އެނަޓޯލިއަން ސަރަހައްދުގެ ނިޖް ޕްރޮވިންސަށް 5.3 ބާރު މިނުގެ ބިންހެލުމަށް އައިސްފިއެވެ.
ތުކީއަށް މި ބިންހެލުން އައިސްފައިވަނީ، އެގައުމަށް ފަހުގެ ތާރީޚެއްގައި އައި އެންމެ ގެއްލުން ބޮޑު ބިންހެލުން އައިތާ ދެ ހަފްތާ ފަހުންނެވެ. ތުރުކީ އަދި ސީރިއާއަށް އަައި މި ބާރުގަދަ ބިންހެލުމުގައި 50،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
ތުރުކީގެ ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފައިވަނީ، ހޮނިހިރު ދުވަހު ތުރުކީއަށް މިއައި ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން 7 ކިލޯމީޓަރު ފުނަށް ކަމަށެވެ. ބިންހެލުން ބޯރ ޑިސްޓްރިކްޓަށް އައިސްފައިވަނީ މެންދުރު ގަޑިން 1:27 ގައެވެ.
މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.
ބޯރ ޑިސްޓްރިކްޓް އޮންނަނީ، ތުރުކީ ސީރިއާ ބޯޑަރާއި 350 ކިލޯ މީޓަރު ދުރުން، މީގެ ދެހަފްތާ ކުރިން ބިންހެލުން އައި ސަރަހައްދުގެ ހުޅަނގުންނެވެ.
މިމަހުގެ ކުރީކޮޅު ތުރުކީ އަދި ސީރިއާއަށް އައި ބިންހެލުމުގައި ތުރުކީން 44،000 މީހުން މަރުވެފައިވާއިރު، ސީރިއާއިން 5,914 މީހުން މަރުވެފައި ވެއެވެ. މި ބިންހެލުމަށްފަހު، 9،000 އާފްޓަރޝޮކު އައިއިރު، 173,000 އިމާރާތަކަށް ބޮޑެތި ގެއްލުންވެ، ދެ މިލިއަން މީހުން ގެދޮރު ނެތިފައިވާކަމަށް ތުރުކީގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ޓީމުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި، ދިރި ތިއްބާ އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
މި ބިންހެލުމުގެ އަސަރު ތުރުކީގެ 20 މީހުންނަށް ކޮށްފައިވާއިރު، ޔޫއެންއިން ބުނެފައިވަނީ ސީރިއާގެ 8.8 މިލިއަން މީހުންނަށް ބިންހެލުމުގެ އަސަރު ކޮށްފައި ވާކަމުގައެވެ.