ލީޑަރު ކަމަށް ވާދަކުރާނެ ބޭފުޅަކު ނެތުމުން ހިތާމަކުރަން: ގާސިމް

ލީޑަރު ކަމަށް ވާދަކުރާނެ ބޭފުޅަކު ނެތުމުން ހިތާމަކުރަން: ގާސިމް

ވާދަކުރާނެ ބޭފުޅަކު ނެތި ޕާޓީގެ ލީޑަރު ކަމަށް ހޮވިވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް، އިންތިހާބަކާ ނުލައި އަނެއްކާވެސް ޖޭޕީގެ ލީޑަރު ކަމަށް މިއަދު ހޮވިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ލީޑަރަކަށް ހޮވިވަޑައިގެން ޕާޓީގެ މެމްބަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ, އެ ޕާޓީ ޒަމާންތަކަކަށް ދެމިގެން ދިއުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހޭކަމަށެވެ. އަދި ތާއަބަދަކު އެމަނިކުފާނު ލީޑަރު ކަމުގައި ނުހުންނަވާނެ ކަމަށާއި އެމަނިކުފާނަށް ވެސް ނިމުމެއް އަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެއީ ގުދްރަތީ ގާނޫނު އޮންނަ ގޮތް ކަމަށާއި އެކަން ވާ ގޮތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެެހެންކަމުން ޖޭޕީގެ ތެރެއިން ލީޑަރުކަން ކުރުމަށް ސާބިތުކަމާއިއެކުގައި ކެރިވަޑައިގަތުމާއި އެކުގައި ކުރާނެ ބަޔަކު ތިބެންޖެހޭ ކަމަށް ގާސިމް އަލިއަޅުއްވާލެއްވެވިއެވެ.

ތާއަބަދަކު އަޅުގަނޑު ނުހުންނާނެ މި ލީޑަރު ކަމަކު، ހަމަގައިމުވެސް އަޅުގަނޑަށްވެސް ނިމުމެއް އަންނަންޖެހޭނެ. އެއީ ގުދުރަތީ ގާނޫނު އޮންނަ ގޮތް. އެކަން ވާވެސް ގޮތްމެ، އެހެންވީމާ، މިކަންކަމަށް ސާބިތުވެ ވަޑައިގެން ކެރިވަޑައިގެން އުޅުއްވާނެ ބޭފުޅުން ކޮޅެއް އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑު ކުރި ރަނގަޅު ކަންތައްތައް ބަލައިގަނެގެން ކުރިއަށް ގެންދާނެ ރަނގަޅު ލީޑާޝިޕެއް އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް.

– ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެ މީހުންނަކީ އިހްލާސްތެރިކަމާއެކީގައި އެމަނިކުފާނު ކުރެއްވި ރަނގަޅުކަންތައްތައް ބަލައިގަނެގެން ކުރިއަށް ގެންދާނެ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. ރަނގަޅު ލީޑާ ޝިޕެއް އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ޖޭޕީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެމަނިކުފާނު އެ ޕާޓީގެ ލީޑަރުކަމަށް އަލުން އިންތިހާބުވެވަޑައިގެންފައި މިވަނީ ހަތަރުވަނަ ދައުރަކަށެވެ. ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް މިއަދު އެ ޕާޓީން ނިންމާ އިއުލާންކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *