ފޮޓޯގައި އެވަނީ އިންޑިއާގެ މަޝްހޫރު ތަރި އަބީޝެކް ބަޗަން އޭ ބުނެފިނަމަ ގަބޫލުކުރެވޭނެ ހެއްޔެވެ؟ އާދެ އެއީ ހަމަ ބޮލީވުޑްގެ "ލިވިންގ ލެޖެންޑް" އަމީތާބްގެ ބަޗަންގެ ދަރި އަބީޝެކް ބަޗަންއެވެ. އެކަމަކު އޭނާއަށް އެހުރި ކިހިނެއް ވެފައި ބާއެވެ؟
އާދެ މިއީ އަބީޝެކް މިހާރު ކުޅެމުންދާ ފިލްމު "ބޮބް ބިސްވާސް" ގައި އޭނާ ފެންނާނެ ގޮތެވެ. ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަރޓެއިންމަންޓްގެ މި "ކްރައިމް ތްރިލާ"ގައި އަބީޝެކާއި އެކު ދެން އެ ފެންނަނީ ބަތަލާ ޗިތުރަންގްދާ ސިންގް އެވެ.
ލީކުވެފައިވާ މި ފޮޓޯތަކަކީ ކަލްކަތާގައި މިހާރު ކުރިއަށްދާ އެ ފިލްމުގެ ޝޫޓިންގގެ ތެރެއިން ލީކުވެފައި ވާ ފޮޓޯތަކެކެވެ. ފޮޓޯތަކުން ފެންނަނީ އަބީޝެކްގެ ސިފަ މުޅިން ތަފާތުކޮށެވެ. ދެބައި އުމުރަށް ގޮސްފައިހުރި ތަންކޮޅެއް މުސްކުޅި ސްޓައިލަކަށް ހެދުން އަޅައި، ބޮލުގައި ފުނާއަޅާފައި ހުރި މީހެއްގެ ގޮތަށެވެ.
މި ފިލްމުގައި ގެނެސްދީފައި ވަނީ 2012 ވަނަ އަހަރުގެ ފިލްމު "ކަހާނީ"ގެ ސީރިއަލް ކިލާ "ބޮބް ބިސްވާސް"ގެ ވާހަކަ ތަކެކެވެ. އެހެން ކަމުން އަބީޝެކް މި ފިލްމުގައި ފެނިގެން ދާނީ ސީރިއަލް ކިލާއެއް ނުވަތަ މީހުން މަރާ މީހެއްގެ ގޮތުގައެވެ. އެގޮތުން އަބީޝެކްގެ މި ލުކަކީ ސީދާ "ކަހާނީ"ގެ ބޮބް ބިސްވާސްގެ ލުކް އެވެ.
ކަހާނީ އަކީ ޑައިރެކްޓަރ ސުޖޯއީ ގޯޝްގެ ފިލްމެކެވެ. އެފިލްމުގެ ކެރެކްޓަރ އަކުން އުފެދިންގެ އަންނަ މި ފިލްމުގެ ޑައިރެކްޓަރަކީ ސުޖޯއީ ގޯޝްގެ ދަރި ދިޔާ ގޯޝް އެވެ. ދިޔާ ގޯޝް އަކީ އަލަށް ޑައިރެކްޝަންގެ ދާއިރާއަށް ނުކުމެފައިވާ ޒުވާނެކެވެ. މި ފިލްމަކީ އޭނާގެ ފުރަތަމަ ފިލްމެވެ.
ކޮމެންޓު ފޮނުވާ