އަދާލަތު ޕާޓީން ކަމެއް ނިންމާނީ އަބަދުވެސް އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމަށް އިސްކަންދީގެން ކަމުގައި އެޕާޓީގެ ރައީސް ޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި ނިންމުމުގައި އިސްލާމްދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރީން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކޮންމެ ކަމެއް ނިންމާއިރުވެސް ޤައުމީ މަސްލަހަތާއި، އިސްލާމްދީނަށް އިސްކަން ނުދީ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ. އަދި ޤައުމީ މަޖިލީހުން ކަމެއް ނިންމުގައި ގިނަ މަޝްވަރާތަކަކާއި، ޚިޔާލްތަކެއް ބަދަލުކުރެވި، ޤައުމުގެ މަސްލަހަތު ނެތްގޮތަކަށް ކަމެއް ނުނިންމާނެކަމަށެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކާއި އިޤުރާރުވާނީ ލައްކަ ވިސްނުން ވިސްނާ ލައްކަ ގޮތް ގޮތަށް ފިކުރު ކުރުމަށްފަހު. އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިލްމާއި ސަލާމަތަށް އެންމެ ފަހިގޮތް ނޫނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް އިން އިޤުރާރެއް ނުވާނެ. މީގެ ކުރިން ވެފައެއްވެސް ނެތް.
– އިމްރާން ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު އަދާލަތަށް ދެއްވި ދައުވަތު ގަބޫލުކޮށް، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ބުދަ ދުވަހު ބުނީ، އަދާލަތުން ދެކޭ ގޮތުގައި އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ރައީސް އިބްރާހީމަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމެވެ.
ރައީސާ ކޯލިޝަން ހަދަން ނިންމީ އިސްލާމްދީނުގެ ސައްހަ އަގީދާ ކުރިއަރުވައި، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރި ކުރުމަކީ ރައީސަށް ތާއީދުކުރަން ނިންމި އަނެއް ސަބަބު ކަމަށެވެ.
އަދާލަތުގެ އެ ނިންްމުމާއި ގުޅިގެން ސަތޭކައަށް ވުރެ ގިނަ ދީނީ ދަންނަބޭކަލުން ތިއްބެވި "އިލްމުވެރީންގެ ގުޅުން" ގުރޫޕްގައި ވަނީ ޕޯލްއެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕޯލްގައި އަހާފައި ވަނީ އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުމުގައި ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުރި ކަމަށް ގަބޫލު ކުރަން ހެއްޔެވެ. އެ ގްރޫޕްގައި 109 އިލްމުވެރީން، ތިއްބަވައެވެ.
އެ ބޭފުޅުންގެ މެދުގައި ހިންގި ޕޯލްއަށް 61 އިލްމުވެރިއަކު ވަނީ ވޯޓް ދެއްވާފައެވެ. އެ ބޭފުޅުންގެ ތެރެއިން 78 ޕަސެންޓް ބޭފުޅުން ވިދާޅުވީ އަދާލަތުން ނިންމުން ނިންމީ ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުުރުމަށް ފަހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި 13 ބޭފުޅަކު ވޯޓް ދެއްވީ ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއީ 22 ޕަސެންޓެވެ. އެ 13 ބޭފުޅުންނަކީ ވެސް އަދާލަތަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުގެ ގޮތުގައި ވެސް ތިއްބެވި އިލްމުވެރީންނެވެ. އަދި 13 ބޭފުޅުންގެ ތެރެއިން ބައެއް އިލްމުވެރިންނަކީ އަދާލަތުގެ އެ ނިންމުން ނިންމި އެ ޕާޓީ މަޝްވަރާ މަޖިލީހުގައި ވެސް ހިމެނި ވަޑައިގަންނަވައެވެ.
އަދާލަތުގެ ނިންމުމާ އެއްކޮޅަށް ވޯޓުދިން 13 ބޭފުޅުންނަކީ އަދާލަތަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުގެ ގޮތުގައި ވެސް ތިއްބެވި އިލްމުވެރީންނެވެ. އޭގެ ތެރެއިން ބައެއް އިލްމުވެރިންނަކީ އަދާލަތުން ކޯލިޝަން ހަދަން ނިންމި މަޝްވަރާ މަޖިލީހުގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅުންނެވެ.
2 Responses
Islaam deenaa v beerahtehi kuranee haraan kooru
އިސްލާމްދީނުގެ އަދުއްވުންގެ ޕާޓީޔަކީ އަދާލަތޭ މިކިޔާ މުނާފިގުންގެ ޕާޓީ ޔާﷲ މިބަލާވެރިކަމުން މިގައުމާއި ރައްޔިތުން ސަލާމައް ކުރައްވައި މިޝައިތާނުން ނެތިކުރައްވައީ ފާދޭވެ އާމީން