ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް، ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކުރިކަމަށް ތުހުމަތުކޮށްފި

ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް، ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކުރިކަމަށް ތުހުމަތުކޮށްފި

Author
މުޙައްމަދު ޖިމީ
26 ނޮވެމްބަރ 2020 04:35
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯ އަޑުއެހުމަށް ކަރެކްޝަނަލް ސާރވިސްއިން ދިން ލެޕްޓޮޕް "ބަގް" ކޮށްފައިވާކަމަށް ތުހުމަތުކޮށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިތާޢީ އަޑުއެހުމުގައި ރައީސް ޔާމީން ކޯތަށް ޙަޒިރުވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލައާއި ގުޅޭ ހުރިހާ ލެޔެކިއުންތަކެއް ލިބި ވަޑައިގެންފައިވޭތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ރައީސް ޔާމިން ވިދާޅުވީ އެމައްސަލައާއި ގުޅިގެން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހުރިހާ އޯޑިއޯތަކެއް އަޑުއެހުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެކަން ކަރެކްޝަނަލް ސާރވިސްއިން ފަހިކޮށްދެއްވާފައި ނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވީ، މިމައްސަލައާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް މިހާތަނަށް ލިބިފައި ނުވާކަމަށާއި، ސިޓީއަކުން އެކަން ރޭގެ ވަގުތެއްގައި ކޯޓަށް އަންގާފައި ވާނެކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯތަކުގެ ކޮޕީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އެ އޯޑިއޯތައް އަޑުއެހުމުގައި ދަތިތައް ހުރިކަމަށެވެ. އެގޮތުން އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަޑައިނުގަނެވޭތީ ކަރެކްޝަން ސާރވިސް އިން ދިން ލެޕްޓޮޕަކަށް އޯޑިއޯ އަޑުއެހުމަށް ޑިވައިސް ޖެހުމުން އިތުރު ފައިލްތަކެއް އުފެދޭކަމަށްވެސް ވިދާޅުވިއެވެ. އަދި ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކުރުމަށް ޑިވައިސްއެއް ހަރުކޮށްފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީންގެ ވަކީލުން ކުރެއްވިއެވެ. ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ ގޮތް ހައްދަވައި ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގަތެވެ. އަދި މި މައްސަލާގައި ވަކީލުންނާއި އަދިވެސް ބައްދަލުކޮށް މަޝްވަރާކުރެވޭނެ އެކަށިގެންވާ އިންތިޒާމެއް ހަމަޖައްސައިދީފައި ނުވާކަމަށާއި އެކަން ހަމަޖައްސައިދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.

އެއަށް އިޝާރާތްކުރައްވާ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިހާރު ޝަރީއަތްތަކަށް އަމިއްލަ ލެޕްޓޮޕާއި ފޯނުފަދަ ތަކެތި ވެއްދުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެހެންކަމުން ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިއެއްގައި އެމަނިކުފާނާއި ވަކީލުންނާއި ބައްދަލު ކުރެވޭނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މީގެ އިތުރުން އެކޮޓަރީގައި އެއްވެސް މީހަކު ނުހުންނާނެކަމަށާއި، ކެމެރާވެސް ހަރުކޮށްފައި ނުހުންނާނެކަމަށްވެސް ވިދާޅުވިއެވެ. ނމަވެސް ރައީސް ޔާމީން އެގޮަތށް ބޭނުންފުޅު ނުވިއެވެ.
ރައީސް ޔާމީން ވަނީ ޖަލުގައި ވަކީލުންނާއި ބައްދަލު ކުރައްވާ ކޮޓަރިއަށް އަމިއްލަ ލެޕްޓޮޕާއެކު ވަޑައިގެން މިމައްސަލައިގައި ހުށަހަޅާފައިވާ އޯޑިއޯތައް އަޑުއައްސަވައި އެހެނިހެން ލިޔެކިޔުންތައް ވެސް ދިރާސާކުރައްވަން ބޭނުންފުޅުވާކަމށް ވިދާޅުވެ އެގޮތަށް ހަމަޖައްސައި ދެއްވުމަށް ކޯޓުން ދައުލަތަށް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. ދައުލަތުންވެސް އެދުނީ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަތް ގޮތަށް ޖަލުގައި އެ މައްސަލައިގެ ލިޔެ ކިޔުންތަކާއި އޯޑިއޯތައް ދިރާސާ ކުރެވޭނެ އިންތިޒާމެއް ހަމަޖައި ދިނުމަށް މައްސަލައެއް ނެތްކަމަށް ވިދާޅުވެފައެވެ. އެއީ ޝަރީއަތްކުރާ މާލަމެއްގައި ދައުވާ ރައްދުވާ ފަރާތުގެ މިނިވަންކަން ގެއްލޭނެތީކަމަށެވެ.

އެހެންކަމުން މަދުވާ ލިޔެ ކިޔުންތަކަކީ ކޮބައިކަން ދިފާއީ ވަކީލުން ވިދާޅުވުމުން، އެ ލިޔެކިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއެކު، އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަރެކްޝަނަލްގައި އެދޭނެ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. މިއަދުގެ ޝަރީޢަތުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ދައުވާތަކަށް ތައްޔާރުވުމަށް ފުރުސަތު ލިބި ވަޑައިގެންފައި ނުވާކަން ފާހަގަކުރައްވާ، ވަކީލުންނާއި ވަކިން ޝަރީއަތުގެ މާލަމުގައި އިންނަވަން ބޭނުންފުޅުނުވާ ކަމަށާއި، ދައުލަތުން ހުށަހަޅާ ކަންކަމުގައި ވަކީލުންނާއި މަޝްވަރާ ކުރެވޭނެ ގޮތަށް އެމަނިކުފާނާއި އެއް މާލަމަކަށް ވަކީލުން ގެނައުމަށް އެދިވަޑައިގެންފައެވެ. އެއާއި ގުޅިގެން ފަނޑިޔާރު ވިދާޅުވީ ވަކީލުންނަށް ޝަރީއަތުގެ މާލަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ވަކީލުން އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން ވަކީލުން ޝަރީއަތް ކުރާ މާލަމަށް ހާޒިރުވެވަޑައިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންފުޅު ވާނަމަ އެ ފުރުސަތު އޮތްކަމަށް ވިދާޅުވިެ ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފައެވެ.

މިމައްސަލަ ބައްލަވަނީ ގާޒީ އަޙްމަދު ޝަކީލްއެވެ. ދެން މައްސަލައިގެ އަޑުއެހުުމެއް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ދުވަހުގައި ކަމަށް މައްސަލަ ބައްލަވާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.