ޔުނައިޓެޑުން ބާސެލޯނާ ކަޓުވާލައިފި

ޔުނައިޓެޑުން ބާސެލޯނާ ކަޓުވާލައިފި

ގުޅުންހުރި

ވާދަވެރި ސްޕޭނުގެ ބާސެލޯނާ ކަޓުވާލައި ޔޫރޮޕާ ލީގުގެ ގަދަ 16 އަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑުން ބާސެލޯނާ ކަޓުވާލީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-1އިން ކާމިޔާބުކޮށް ދެ މެޗުގެ އެގްރިގޭޓުން 4-3އިންނެވެ. މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި މީގެ ހަފުތާއެއްގެ ކުރިން ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.

ރޭ ފުރަތަމަ ލީޑުނެގީ ބާސެލޯނާ އިންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބާސެލޯނާގެ ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އެ ޓީމުގެ އޭރިއާތެރެއިން ބާސެލޯނާގެ އަލެހަންދްރޯ ބާލްޑޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ޔުނައިޓެޑުން އެއްވަރުކުރީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ފްރެޑް ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ތިރީ ކަނަށް ފޮނުވާލައިފަ އެވެ. ބާސެލޯނާ އަށް އަލުން ލީޑުނަގައިދޭން ޖޫލްސް ކޫންޑޭ ބޮލުންޖެހި ބޯޅަ ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރިއެވެ.

މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ބަދަަލަކަށް ކުޅެން އެރި އެންޓޮނީ އެވެ. މިއީ މެޗުގެ 73 ވަނަ މިނިޓްގައި ބާސެލޯނާ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އެންޓޮނީ ޖެހި ގޯލެކެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16އިން ޖާގަ ހޯދި އެހެން ޓީމުތަކަކީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގު ކާމިޔާބުކުރި އިޓަލީގެ ރޯމާ އާއި ޔުވެންޓަސް އަދި ޖަރުމަނުގެ ޔޫނިއަން ބާލިން އާއި ނެދަލޭންސްގެ ޕީއެސްވީ އާއި ޖަރުމަނުގެ ބަޔާން ލެވަކޫސަން ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ