އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް ޖުމުހޫރީ ޕާޓީންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްޑީއޭއިން ބުނެފިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށްޓަކާ އެމްޑީއޭއިން އެހެން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ފަށާފައިވާއިރު، އިދިކޮޅު ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށްޓަކާ މިއަދު ބޭއްވުނު ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނާއިބު ރައީސް އަލީ މައުރޫފު ވިދާޅުވެފައިވަނީ، ޖުމުހޫރީ ޕާޓީން އެޕާޓީއާއެކު ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަރަށް ގިނައިން ގުޅުއްވާ ހައްދަވާ ކަމުގައެވެ.
އެމްޑީއޭގެ ކައުންސިލުން މިހާރުވަނީ، ޕާޓީތަކާއެކު ކޯލިޝަން މަޝްވަރާތައް ކުރުމަށް ކޯލިޝަން ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މިގޮތުން އެމްޑީއޭގެ ކޯލިޝަން ކޮމިޓީން އިދިކޮޅު ޕީޕީއެމްއާއެކު ބޭއްވި މަޝްވަރާތަކަށްފަހު، އަލީ މައުރޫފު ވިދާޅުވީ، ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއާއެކު އެމްޑީއޭއިން ހެދި ކޯލިޝަން ވަރަށް ކާމިޔާބު ކަމާއެކު 5 އަހަރުގެ ދައުރު ނިންމުމަށްފަހު ޖެހިގެން އައި 2018ގެ ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ވާދަ ނުކުރުމުގެ ސަބަބުން އެޕާޓީއަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިފައިވާކަމުގައެވެ.
އެހެންކަމުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަންއަކާއެކު އެޕާޓީން ވާދަކުރުމަށް މިހާރު ނިންމާފައިވާ ކަމުގައެވެ. އަދި މިއަދު ޕީޕީއެމްއާއި ބައްދަލުކޮށް ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރިޔަށް ގެންދެވުނުމަކަށާއި، މި މަޝްވަރާތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީއޭއިން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދާނީ ދީނުގެ ހައްގުގައި، ގައުމަށް އެންމެ ފައިދާހުރި، އަދި ގައުމު ހަމަހިމޭން މަންޒިލަކަށް ގެންދެވޭނެ ޕާޓީއަކާއެކީ ކަމަށެވެ.
މި ބައްދަލުވުމަށް ޕީޕީއެމްއިން ބުނެފައިވަނީ، ކޯލިޝަން ހެދުމަށް އެޕާޓީން ކުރިން އެމްޑީއޭއާއި ވާހަކަ ދައްކާފައިނުވަނީ، އެޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާތީ ކަމުގައެވެ. އަދި ސިޔާމް އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވުމާއެކު އެޕާޓީއާއެކީ މަޝްވަރާއަށް ދިޔައީ ކަމަށާއި، އެމްޑީއޭއާއި ޕީޕީއެމްއަކީ ވަކި ނުކުރެވޭނެ ދެޕާޓީކަމުގައި ޕީޕީއެމްގެ ފަރާތުން ބުނެފައި ވެއެވެ.