ބީއެމްއެލް ގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އެމް.އެން.ޕީއިން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

ބީއެމްއެލް ގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އެމް.އެން.ޕީއިން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުތަކުން ފައިސާ މަދުވެ ބޮޑެތި ޢަދަދުތަކުން ފައިސާ "ގެއްލޭ" މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމް.އެން.ޕީ. ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ޢަބްދުﷲ ރިޔާޟް ސޮއިކުރައްވައި އެ ޕާޓީގެ ފަރާތުން މަޖިލީހަށް ފޮނުއްވި ސިޓީގައި މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައިވަނީ ބީ.އެމް.އެލް. ގެ އެކައުންޓުތަކުން ފައިސާ މަދުވާ މި މައްސަލާގައި އެކައުންޓުތަކުގެ ވެރިފަރާތްތަކުން އުދާސް ފާޅުކޮށް، ޝަކުވާ އުފުލިކަމުގައި ވިޔަސް، ބޭންކު އޮފް މޯލްޑިވްސް އާއި ޤާނޫނޫ ތަންފީޛް ކުރާ އިދާރާއާއި ބޭންކިންގެ ދާއިރާގެ ބެލެނިވެރި ފަރާތް ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މިހާތަނަށް ޒިންމާދާރުކަމާއެކު ބަހެއް ވިދާޅުނުވުމާއި އެއްވެސް އިޖާބައެއް ދެއްވާފައި ނުވާތީ ކަމުގައެވެ. އެހެންކަމުން އެމް.އެން.ޕީ އިން އެދިފައިވަނީ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އަވަހަށް ނިމުމެއް ގެނައުމަށް އެކޮމިޓީން މި މައްސަލަ ބައްލަވައި މިކަމުގައި އެހީތެރިވެދެއްވުމަށެވެ.

އެމް.އެން.ޕީ. ގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ބަރަކާތްތެރި ރަމަޟާން މަސް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ އެތައް ބައެއްގެ އެކައުންޓުތަކުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެއްސުމުގައި އެފަރާތްތަކަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރު ކުރާނެ ޙާލަތެއް ކަމުގައި މި ޕާޓީން ޤަބޫލުކުރާކަމުގައެވެ. އަދި މި ޝަކުވާތައް އަވަހަށް ބައްލަވާ، ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ސަރުކާރު މެދުވެރިކުރައްވައިގެން ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެމް.އެން.ޕީ އިން ވަނީ އެ ކޮމިޓީގައި އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *