އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަގު އައްސޭރީގެ ނާބުލުސް ސިޓީގައި ޔަހޫދީ ސިފައިން ހިންގި ރެއިޑެއްގައި ފަލަސްތީނުގެ 10 މީހަކު ޝަހީދު ކޮށްލައިފިއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މި ހަމަނުޖެހުންތަކުގައި 102 މީހަކު ޒަޚަމް ވެފައިވާ ކަމުގައެވެ. އަދި މީގެ ތެރެއިން 82 މީހެއްގެ ގަޔަށް އަސްލު ވަޒަން އަރާފައިވާކަމަށާއި، މީގެ ތެރެއިން 6 މީހެއްގެ ހާލު ވަރަށް ސީރިއަސްކަަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ފަލަސްތީނުގެ ނާބުލުސްގެ ގިނަ ސަރަހައްދު ތަކެއްގައި ހަމަނުޖެހުން ހިގަން މެދުވެރި ވެފަައިވަނީ، މިއަދު ހެނދުނު 10:00 ގައި އިސްރާއީލު ސިފައިންގެ އަސްކަރީ ގިނަ އުޅަނދުތަކެއްގައި އެ ސިޓީއަށް ވަދެ، ހަމަލާތައް ދޭން ފެށުމާއި ގުޅިގެންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ، އެގައުމުން ބޭނުންވާ ފަލަސްތީނުގެ ދެ ހަނގުރާމަވެރިއަކު ތިބިކަމަށް ޝައްކު ކުރެވުނު ދެގެއެއް ވަށާލުމުގެ ކުރިން ނާބުލުސް ސިޓީއަށް ވަދެވެން އޮންނަ ހުރިހާ މަގެއް ބަންދު ކޮށްފައެވެ.
އިސްރާއީލު ސިފައިން ހޯދުމުންދިޔަ ދެ ހަނގުރާމަވެރިންނަކީ ހޮސާމް އިސްލީމްއާއި މުހައްމަދު އަބުދުލްޢަނީއެވެ. ބަދަލު ކުރެވުނު ހަމަލާ ތަކުގައި މި ދެ ހަނގުރާމަވެރިންވެސް ވަނީ ޝަހީދު ވެފައެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ގުރޫޕެއް ކަމުގައިވާ، "ލައަންސް ޑެން އާމްޑް ގްރޫޕް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގުރޫޕުން، ދާދި ފަހުން އިއުލާން ކޮށްފައިވާ ބަލަޓާ ބްރިގޭޑްސްއާއެކު އިސްރާއީލު ސިފައިންނާ ހަމަލާ ބަދަލު ކޮށްފައިވާ ކަމުގައެވެ. ފަލަސްތީނުގެ ޒުވާނުން ވަނީ ގަލުންވެސް އިސްރާއީލުގެ އަސްކަރީ އުޅަދުތަކަށް ހަމާ ދީފައެވެ.
މި ހަމަލާތަކަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެގައުމުގެ އަސްކަރިއްޔާއިން ނާބުލުސް ސިޓީގައި ހަކާތްތެރިވަމުން ދާކަމުގައެވެ. އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
ނާބުލުސްއިން އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިންވަނީ އެއްވެސް ބެލުމެއްނެތި އާންމުންނަށް ބަޑިން ހަމަލާ ދީފައެވެ.
މިއަހަރު މިހާތަނަށް އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 50 މީހަކުވަނީ ޝަހީދު ވެފައެވެ. ފާއިތުވެދިޔަ އަހަރު އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ 171 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 30 ކުޑަކުދިންވެސް ހިމެނެއެވެ. ފަލަސްތީނު މީހުންގެ ހަމަލާތަކުގައި މިއަހަރު މިހާތަނަށް އިސްރާއީލުގެ 11 މީހަކު މަރުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ