އަންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފިއެވެ.
މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ތިބި އަދާލަތު ޕާޓީން އެ ގޮތަށް ނިންމީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނަށް ތާއީދުކޮށް، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާ އަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުންނެވެ.
މި އިންތިހާބުގައި ކޯލިޝަން ހެދުމަށް، އަދާލަތު ޕާޓީގެ އިތުރުން މިހާރު ވެސް ސަރުކާރާއެކު ތިބި ސިޔާސީ އެހެން ޕާޓީތަކަށް ވެސް ރައީސް ދައުވަތު ފޮނުއްވި ނަމަވެސް އެންމެ ފުރަތަމަ ގޮތެއް ނިންމައި އެ މަނިކުފާނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ދިނީ އަދާލަތު ޕާޓީންނެވެ.
މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ.
– އެ ނިންމުމުގައި ބުނެފައިވެއެވެ.
އެ ޕާޓީން މި ނިންމުން ނިންމީ ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ސިޔާސަތުތައް ތަންފީޒުކުރަން އެ ޕާޓީއަށް ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. ހަމައެހެންމެ މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތުގެ ބައިވެރިވުން ފުރިހަމައަށް ހޯދަން އެމްޑީޕީން އެއްބަސްވެފައިވާކަން ވަނީ ހާމަކޮށްފައެވެ.
އަދި، އެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށް ވެސް އެއްބަސްވެފައިވާކަން އަދާލަތުން ވަނީީ ހާމަކޮށްފައެވެ.
ގަރާރުގައި ބުނާގޮތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި އެއް ސަބަބަކީ މެނިފެސްޓޯ އެކުލަވައިލާއިރުގައި، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި ދެފުށް ފެންނަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވައިލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމަ އަށް ހޯދުމަށް އެއްބަސްވެފައިވާތީއެވެ.
އަދާލަތުން ރައީސަށް ތާއިދުކުރަން މި ނިންމީ މިހާރު އޮތް ސަރުކާރު ކޯލިޝަން ކުރިއަށް އޮތް ފަސް އަހަރު ވެސް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ އިތުރަށް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ވެސް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ. އޭގެ ތެރެއިން ގޮތް ނިންމީ އަދާލަތުން އެކަންޏެވެ.