ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް އަދާލަތު ޕާޓީން ގޮތް ނިންމަނީ ރަނގަޅަށް ހިސާބު ޖަހައި އެކަމަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީއާ އެކު މަޝްވަރާ ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އިމްރާން ވިދާޅުވީ އެޕާޓީން މިހާތަނަށް ރިޔާސީ އިންތިޚާބުތަކުގައި ގޮތް ނިންމާފައިވަނީ ވަރަށް ގިނަ ދިރާސާތަކެއް ހަދައި އޭގެ މައްޗަށް ރަނގަޅު ހިސާބެއް ޖެހުމަށްފަހުކަމަށެވެ.2008 އިން ފެށިގެން 2018ގެ ރިޔާސީ އިންތިޚާބާއި ދެމެދު ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް އެޕާޓިން އަމަލުކޮށްފައިވަނީ މިއުސޫލުންކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް މިމަޝްވަރާތައް ކުރެވެމުންދަނީ ކުރީ އަހަރުތަކަށްވުރެ މާބޮޑަށް ރޭވި ތަރުތީބު ކުރެވިގެންކަމަށެވެ.
2008، 2013 އަދި 2028 ގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް އަދާލަތު ޕާޓީން ވަނީ ވަރަށް ގިނަ ދިރާސާތަކެއް ކޮށްފަ. މަޝްވަރާކޮށް އަދި ހިސާބު ޖެހުމަށްފަހު. މިއަހަރު މިކަންކަން ކުރިއަށްވުރެވެސް ތަރުތީބުން ކުރެވޭ ކަމީ އުފާކުރާކަމެއް. މާތް ރަސްލާންގެ އިރާދަ ކުރެއްވިއްޔާ ނަތީޖާ ފެންނާނެ.
– އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް ފޮނުއްވި ސިޓީފުޅާ މެދު މަޝްވަރާ ކުރުމަށް، މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އަދާލަތު ޕާޓީން ބުނީ އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން އެދޭ ކަންކަމާއި ޕާޓީގެ ކަންބޮޑުވުންތަކާއި ކަންކަން ހައްލުކުރުމަށް ފެންނަ ގޮތްތައް ހުށަހަޅައި މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރުމާ މެދު ގޮތެއް ނުނިންނާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ރައީސްގެ ސިޓީފުޅު، އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ވަނީ ފޮނުއްވައިފައެވެ. ނަމަވެސް، އެ ޕާޓީތަކުން އަދި ވަކި ގޮތެއް ނުނިންމައެވެ.